ކާގޯ ފެރީއާއެކު ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކުގެ އޮޑިވެރިން ބިކަވެއްޖެ: އާދަމް ޝަރީފް

ކާގޯ ފެރީގެ ދަތުރުތަކާއެކު ސަޕްލައި ދޯނިތަކާއި ނާލު ބޯޓު ތަކުގެ އޮޑިވެރިން ބިކަވެއްޖެ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ އިންޑިއާ އާއި ތިނަދޫ އާ ދެމެދު ކާގޯ ދަތުރުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
“ކާގޯ ފެރީގެ ސަބަބުން ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކަށް ލިބޭ ދަތުރުތައް މަދުވެ، އެ އުޅަނދުތަކުގެ ބޭނުން ކުޑަވެ، އޮޑިވެރިން އިތުރަށް ބިކަވެއްޖެ. މާލިމީންނާއި ފަޅުވެރިން މަގުމަތިވެއްޖެ. ހުސް އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު. ކާކު ޒިންމާ ވާނީ؟" އާދަމް ޝަރީފް ވިދާޅުވިއެވެ.
އިންޑިއާގެ ޓުޓިކޮރިންއާއި ގދ. ތިނަދުއާ ދެމެދު ކާގޯގެ ހިދުމަތް ފެށުމަށް އިއްޔެ ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، މި ނިޒާމު ކައިރި ގައުމުތަކާ ގުޅާލެވި، އަވަސް ހިދުމަތްތަކެއް އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށެވެ.
އަދި އެ އަމާޒަށް ވާސިލުވުމަށްކުރާ މަސައްކަތްތަކުގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ކާގޯގެ ހިދުމަތް ފެށިގެން ދިޔުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.