ދުނިޔެ

އާއިލާގެ ނަން ހަޑި ވެދާނެތީ އީރާނުގެ ބައްޕައަކު އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅުގެ ބޯކަނޑާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން ދުވަސްވީ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ، އެކަމުގެ ސަބަބުން އާއިލާގެ ނަމަށް ހުތުރު ވެދާނެ ކަމަށްޓަކައި، އީރާނުގެ ބައްޕައަކު އޭނާގެ 13 އަހަރުގެ އަންހެން ދަރިފުޅު ނިދާފައި އޮއްވާ އެކުއްޖާގެ ބޯ ކަނޑާލައިފިއެވެ.

Ads by WAMCO

ރޮމީނާ އަޝްރަފީ އޭނާ ހިތާވެގެން އުޅުނު 35 އަހަރުގެ ބަހަމް ކާވަރީ އާ ކައިވެނި ކުރަން ބޭނުންވެ ރޮމީނާގެ ބައްޕަ އެކަމާ ނުހުރޭކަން އެނގުމުން އޭނާ ވަނީ ގެއިން ނިކުމެ ލޯބިވެރިޔާއާއެކު ފިލާފައެވެ. އަދި ދެ އާއިލާގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް އަންގައިގެން ފަސް ދުވަސް ވަންދެން އެ ދެމީހުން ހޯދިއެވެ.

އޭގެ ފަހުން އެނބުރި ގެއަށް އައިސްފިނަމަ ފުރާނައަށް ގެއްލުންވާނެ ކަން އެނގިހުރެ ނަމަވެސް އޭނާ ވަނީ ގެއަށް އައިސްފައެވެ.

ރޮމީނާގެ ބޯ ކަނޑާލި އޭނާގެ ބައްޕަ ވަނީ ލެއިން ތަތްތެޅިފައިވާ ވަޅި ހިފައިގެން ޕޮލިހަށް ގޮސް ކުށަށް އިޢުތިރާފު ވެފައެވެ. އެވަޅިއަކީ އޭނާ ދަނޑުވެރިކަން ކުރަން ގެންގުޅޭ ވަޅިއެކެވެ.

އީރާނުގެ ގާނޫނު ބުނާގޮތުން 13 އަހަރު ވުމަށްފަހު އަންހެން ކުދިންނަށް ކައިވެނި ކުރެވޭނެއެވެ. ނަމަވެސް އީރާނުގެ އަންހެނުން ކައިވެނި ކުރާ އެވްރެޖް އުމުރަކީ 23 އަހަރެވެ.

މީހެއްގެ މަރުގެ ދިޔަ ނަގައިދެނީ އެމީހެއްގެ ވާރިސުން ކަމުން، އާއިލާގެ ތެރޭގައި މިގޮތަށް ހިނގާ ގިނަ ހާދިސާތަކުގައި ކުށަށް ދޭން އޮންނަ އަދަބު ނުދެވި ދިއުމަކީ ވަރަށް އާންމުކޮށް ހިނގާ ކަމެކެވެ. މިފަދަ ހާދިސާތަކުގައި މަރަށް މަރުހިފަން އާއިލާގެ ދެންތިބި މެމްބަރުން ބޭނުން ނުވާކަމަށް، އީރާން އިންޓަރ ނޭޝަނަލްގެ ސީނިއަރ އެޑިޓަރ ފަރީބާ ސަހްރާއީ ހާމަ ކުރިއެވެ. ފަރީބާ އިތުރަށް ހާމަ ކުރި ގޮތުގައި ކޮންމެ އަހަރަކު އިރާނުގެ އެތައް އަންހެނުންނަކާ އަންހެން ކުދިން އާއިލާގެ ކޮންމެވެސް މީހެއްގެ އަތުން މިގޮތަށް މަރާލެވެއެވެ. ނަމަވެސް ރޮމީނާގެ މަރަކީ މުޅި އިރާންގެ އިތުރުން ދުނިޔެ ސިއްސުވާލި މަރެއްކަމަށެވެ.

މިގޮތަށް އާއިލާގެ ނަން ރީތިކޮށް ބޭއްވުމަށް ކޮންމެ އަހަރަކު މަރާލެވެނީ ކިތައް މީހުންކަން ނޭނގުނު ނަމަވެސް، މަރާލެވޭ މީހުންގެ ތެރެއިން ވިހި އިންސައްތައަކީ އާއިލާއަށް ހުތުރުނަމެއް ލިބިދާނެ ފަދަ އަމަލެއް ހިންގާކަމަށް ބުނެ މަރާލެވޭ މީހުންކަމަށް ތެހެރާން ފުލުހުންގެ އޮފިޝަލަކު ހާމަކުރިއެވެ.

އީރާނުގެ އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރަން މަސައްކަތްކުރާ ޖަމްޢިއްޔާގެ އިސްވެރިއަކު ހާމަ ކުރި ގޮތުގައި ރޮމީނާއަކީ މިގޮތަށް މަރާލެވުނު ފުރަތަމަ ކުއްޖާ ނޫންކަމަށާ، އަދި މިހެން މަރާލެވޭނެ އެންމެ ފަހު ކުއްޖާއަށް ވެސް ނުވާކަމަށެވެ. ގާނޫނުތަކާ، ޖުޑިޝަރީ އާ ސަގާފަތް ބަދަލު ވެގެން ނޫނީ މިކަން ނުހުއްޓޭނެ ކަމަށް ވެސް އޭނާ ހާމަ ކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!