ދުނިޔެ

އެމެރިކާ ފުލުހުން ކަރަށް ފައިން އަރާ މަރާލި މީހާގެ ބޭބެ: " އިންސާފު ލިބޭނީ މަރަށް މަރު ހިފުމުން"

ދެން އެމްވީ ، ދެން އޮންލައިން

ޖޯޖް ފްލޮއިޑް ނަމަކަށް ކިޔާ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ މީހަކު ވައްޓާލުމަށްފަހު އޭނާގެ ކަރަން ފައިން އަރާ މަރާލި މައްސަލައިގައި ބައިވެރިވި އެމެރިކާ ހަތަރު ފުލުހުންނަށް މަރުގެ އަދަބު ދިނުމަށް ޖޯޖް ފްލޮއިޑް ގެ ބޭބެ ގޮވާލައިފިއެވެ.

Ads by Sosun Fihaara

އޭނާގެ ބޭބެ ބުނެފައިވަނީ މަރުގެ އިންސާފު ލިބޭނީ އެ ހަތަރު މީހުންގެ މަރުން ކަމަށެވެ.

އެގޮތުން އޭނާ ވަނީ އެ ހަތަރު މީހުން ވަގުތުން ހިފާ ހައްޔަރު ކޮށް އެމީހުނާ ދެކޮޅަށް ދައުވާ ކުރުމަށް ވެސް އެދިފައެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މިހާދިސާގައި ބައިވެރިވި ހަތަރު އޮފިސަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ފުލުހުންގެ ފަރާތުން އެދުވަހު ވަނީ ހާމަ ކޮށްފަ އެވެ. ނަމަވެސް އެމީހުން ހައްޔަރުކޮށް އެމީހުނާއި މެދު ޖިނާޢީ ތަހުގީގު ހިންގަން ގޮވާލާ ގިނަ ބަޔަކު މިނެސޯޓާގެ މަގުތަކަށް އެއްވެ މުޒާހަރާ ކުރަމުން އެބަ ދެއެވެ.

މުޒާހަރާ ކޮންޓްރޯލް ކުރި މީހުންނާއި ދެކޮޅަށް ފުލުހުންވަނީ ރަބަރު އުންޑައާއި ކަރުނަ ގޭސް ވެސް ބޭނުން ކޮށްފައެވެ. މަރުވި މީހާގެ ކަރަށް ފުލުހުން އަރައިގެން ތިއްބާ ނަގާފައިވާ ވީޑިއޯއިން ''އަހަރެންނަށް ނޭވާ އެއް ނުލެވޭ" ކިޔާ އެތައް އާދޭހެއް ކުރާ އަޑު އިވެއެވެ.

މުޒާހަރާގެ ބައިވެރިން ވެސް ތިބީ "އަހަރެންނަށް ނޭވާ އެއް ނުލެވޭ" ޖަހާފައިވާ ބެނަރތައް ހިފައިގެންނެވެ. މުޒާހަރާގެ ތެރެއަށް ކަރުނަ ގޭސް ޖެހުމުން އޭގެ އަސަރު ކުޑަ ކުރުމަށް ގިނަ ބަޔަކު މޫނުގައި ކިރު އުނގުޅައިގެން އުޅުނު މަންޒަރު ވެސް ވަނީ ފެނިފައެވެ.

މަކަރާ ޙީލަތް ހެދުމުގެ ތުހުމަތުގައި ޖޯޖް ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޗޯވިން ވަނީ ޖޯޖްގެ ކަރަށް އަރައިގެން 8 މިނިޓް ވަންދެން ހުރެފައެވެ. ޖޯޖްގެ އާއިލާއިން އެދެނީ ޖޯޖްގެ މަރުގެ ދަޢުވާ އެކަމުގައި ބައިވެރިވި ހަތަރު އޮފިސަރުންގެ މައްޗަށް އުފުލާ އޭނާއަށް އިންސާފު ހޯދައި ދިނުމަށެވެ. އަންގާރަ ދުވަހު ސުލްހަވެރިކޮށް ފެށި މުޒާހަރާ ރެއާ ހަމައަށް ދިގުދެމި ފުލުހުންނާ މުޒާހަރާގެ ބައިވެރިންވެސް އެއްބަޔަކު އަނެއްބަޔަކަށް އެއްޗެހި އުކާ، ކޮންޓްރޯލުން ނެއްޓުމުން ކަރުނަގޭސް ބޭނުން ކުރީ ކަމަށް ފުލުހުން ހާމަ ކުރިއެވެ.

ޖޯޖް ފްލޮއިޑްގެ މަރުގެ މައްސަލަ މިހާރު އެފް.ބީ.އައި އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!