ޚަބަރު

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފިއެވެ.

Ads by STELCO

މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދިޤު ކުރެއްވުމާ ގުޅިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާޢީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. އަދި މި އިޞްލާޙުގެ ދަށުން ޝަރީޢަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ޙާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރ ކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތުތައް އެއްކުރެވިގެން ދާނެއެވެ.

މީގެ އިތުރުން، ޕްރޮބޭޝަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޛީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭން ޖެހޭނެއެވެ.އަދި ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލަންވާނެ ކަމަށް ވެސް މި ޤާނޫނަށް ގެނައި އިޞްލާޙުގައި ވެއެވެ.

މި ބިލު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިއަދު މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!