ޚަބަރު

ސުނާމީގައި ގެދޮރު ގެއްލުނު ގިނަ މީހުންނަށް ހައްލު ހޯދައިދިނީ ޔާމީން: ޝަހީމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު ގިނަ މީހުންނަށް ހައްލު ހޯދައިދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަހީމް މިހެން ވިދާޅުވެފައި ވަނީ ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް އާ ކުރައްވައި ކުރެއްވި ޓްވީޓެއްގައެެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީނަށް އިންޞާފު ލިބި ޖަލުން މިނިވަންވެ ދިވެހި ޤައުމަށް އަލުން ޚިދުމަތް ކުރެއްވުމުގެ ތައުފީޤު ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ސުނާމީއަށް ދިހަ އަހަރުވީ އިރު ވަރަށް ގިނަ މީހުން ތިބީ ވަގުތީ ހިޔާތަކުގައި ކަމަށާއި ވެރިކަމަށް ވަޑައިގަތްތާ 6 މަސް ދުވަހުގެ ތެރޭގައި ވަގުތީ ހިޔާތަކުގައި ނިކަމެތިވެފައި ތިބި ފަރާތްތަކުގެ ގެތައް ނިންމައި ދާއިމީ ހިޔާވަހިކަން ހޯއްދަވައި ދެއްވީ ޔާމީންކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

ސުނާމީގެ ހަނދާންތަކަކީ ހިތްދަތި ހަނދާންތަކެއް ކަމަށާއި ސުނާމީ އިން މެދުވެރިވި ހިތާމަވެރިކަމުން އަރައިގަނެވުނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުން ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިއަދަކީ، ސުނާމީގެ ބިރުވެރި ކާރިސާ ކުރިމަތިވިތާ 16 އަހަރު ފުރުނު ދުވަހެވެ. އެ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލިފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!