ދީން

ތިން ޢަމަލެއްގެ މަތީގައި ދެމިތިބުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރެއްވި މަތިވެރި ވަޞިއްޔަތްޕުޅު

ދެން އެމްވީ ، ދެން އޮންލައިން

ހުރިހާ އަޅުކަމެއްގެ ތެރެއިން ވެސް ރޯދަ ހިފުމަކީ ޚާއްޞަ އަޅުކަމެކެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ފަޟުލުވަންތަވެރިކަމުން ރޯދަވެރީންނަކީ އެ އިލާހުގެ ޙަޟްރަތުގައި ޚާއްޞަ މަޤާމެއް ދެއްވާފައިވާ ބައެކެވެ. ރޯދަ ވެރީންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ވެއެވެ. ކެއުންބުއިމާއި ،އެއްދާން ކުރުމާއި އެންމެހައި ނުބައިކަންތައްތަކުން ދުރުވެ ތިބޭ ރޯދަވެރީންނަށް ﷲ ތަޢާލާ ވަނީ ''ރައްޔާން''އޭ ކިޔުނު ދޮރުކޮޅެއް އިންތިޒާމް ކުރައްވައިފައެވެ.

Ads by STELCO

މީގެ އިތުރުން ރޯދައިގެ މާތްކަމާއި ރޯދަވެރީންގެ ޢިއްޒަތް ހާމަވެގެންދާ ، ޤުދުސީ ޙަދީޘެއްގެ މާނައިގައިވެއެވެ.

''އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށް ޓަކައި ވާކަމެކެވެ. ރޯދަ ފިޔަވައެވެ. ފަހެ ހަމަކަށަވަރުން ރޯދައަކީ ތިމަން ރަސްކަލާނގެއަށް ޓަކައި ވާކަމެކެވެ. އަދި އެކަމަށް ދަރުމަ ދެއްވާނީ ތިމަން ރަސްކަލާނގެއެވެ.''

ފަހެ ، ކޮންމެ ޢަމަލަކަށް ވެސް ޖަޒާ ދެއްވަނީ ﷲއެވެ. ނަމަވެސް ރޯދަ ޚާއްޞަ ކުރައްވައިފައި ވަނީ މަތިވެރި ޙިކުމަތަކަށް ޓަކައެވެ. އެ އަޅުކަމުގެ މާތްކަމަށް ޓަކައެވެ. ރަމަޟާން މަސް އަހަރެމެންނާއި ފާއިތުވެގެން ދިޔަ ނަމަވެސް ރޯދަ ހިފުމާއި މަތިވެރި އެހެނިހެން އަޅުކަންތައް އަދާ ކުރުމުގެ ފަހި ފުރުސަތު އަބަދުވެސް އެބައޮތެވެ. ހަފްތާގެ ހޯމަ ، ބުރާސްފަތި ދުވަހު ރޯދަ ހިފުމާއި ކޮންމެ ހަނދުމަހެއްގެ 13،14،15 މި ތިން ދުވަހު ރޯދަ ހިފުމަކީ ކީރިތި ނަބިއްޔާ އިރުޝާދު ދެއްވައިފައިވާ ކަންކަމެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.

وْصَانِي خَلِيلِي صَلَّى اللهُ عَلَيْهِ وَسَلَّمَ بِثَلاَثٍ: صِيَامِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ[متفق عليه]

މާނައަކީ: އަހަރެމެންގެ މިތުރު (ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް) އަހަރެންނަށް ތިންކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އެއީ ކޮންމެ މަހެއްގައި ވެސް ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމާއި ނިދުމުގެ ކުރިން ވިތުރިކުރުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!