ހެޔޮމީހާއަކީ ޙަޔާތުގައި ދިމާވާ ދަތި އުނދަގޫކަންތައްތަކުގެ ވާހަކަ ސޯޝަލް މީޑިއާގައި ނުފަތުރާ ﷲ އަށް ދަންނަވާ މީހުން: މެންކް
ޙަޔާތުގައި ދިމާވާ ތަފާތު ގިނަ އުނދަގޫ ދަތިކަންތައްތަކަށް ކެތްތެރިވެ ، ޙިކްމަތްތެރިކަމާއި ވިސްނުން އިސްކޮށް ކޮންމެ ޙާލަތަކީ ވެސް ހެޔޮ ޙާލަތެއް ކަމުގައި ދެކޭ މީހުންނަކީ ހެޔޮކަން ލިބިގެންވާ މީހުން ކަމަށާއި އެފަދަ މީހުންނަކީ ކަންކަމުގެ ޙައްލު ހޯދުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދޭ މީހުންކަމަށް ޒިމްބާބުވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކުމެ ތަފާތު ގިނަ ދީނީ އިރުޝާދުތަކާއި ނަސޭޙަތްތައް ދެއްވާ މެންކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެފަދަ ހެޔޮލަފާ ބުއްދިވެރިންނަކީ ޙަޔާތުގައި ދިމާވާ މައްސަލަތަކުގެ ޙައްލު ހޯދުމަށް މީސްމީޑިއާގައި އެވާހަކަ ނުފަތުރާ ﷲގެ ޙަޟްރަތުން ވާގި އެދޭ މީހުން ކަމަށެވެ.
''ހެޔޮކަން ލިބިގެންވާ މީހުންނަކީ ދިރިއުޅުމުގައި ދަތި އެތަކެއް ކަންތައްތަކެއް ކުރިމަތިވީ ނަމަވެސް ވިސްނުންތެރިކަމާއެކު އެކަންކަމާއި ކުރިމަތިލާ ކޮންމެ ޙާލަތެއްގައި ވެސް (ކެތްތެރިވެ) ހެޔޮގޮތުގައި ދެކޭ މީހުން ، އެފަދަ މީހުންނަކީ ދަތިކަމާއި އުނދަގޫކަންތައްތައް ސޯޝަލް މީޑިއާގައި ނުފަތުރާ ﷲ ގެ ޙަޟްރަތުގައި ދަންނަވާ މީހުން، ހުރިހާ ކަމެއްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާ މި ޒަމާނުގައި އެފަދަ މީހުންނަކީ މަދު ބައެއް'' މެންކް ވިދާޅުވެފައިވެއެވެ.
Blesssed are those who go through so much, yet they put up a brave front & make it seem like everything is okay. They take their troubles to the Almighty, not to people or social media. They’re a rare breed in this day & age where most things get an airing on social platforms!
—