އެމްއެމްޕީއާރްސީ ކޮރަޕްޝަން: އޭސީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގި ޚިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ މުވައްޒަފަކަށް ދައުވާ ކޮށްފިއެވެ.
އެގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ޚިޔާނާތާއި، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށާ ގުޅިފައިވާ ފައިސާގެ ތެރެއިން 100،000 އެމެރިކާ ޑޮލަރު ލިބުނު މައްސަލައިގައި ދައުވާ ކޮށްފައިވަނީ، އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ޏ.ފުވައްމުލައް، އަބްދުﷲ އާސިމްގެ މައްޗަށެވެ.
އެނގިފައިވާ ގޮތުގައި އެމައްސަލަ މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.
އާސިމްގެ މައްޗަށް ދައުވާ ކުރަން ނިންމާފައި ވަނީ ފުލުހުންނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙްޤީޤުކުރުމަށް ފަހުއެވެ. އަދި އޭނާގެ މައްޗަށް ހަތަރު ދައުވާއެއް ކުރުމަށް ނިންމާފައިވާކަމަށް ވެސް އެނގިފައިވެއެވެ.
މިމައްސަލައިގައި އާސިމް ގެ މައްޗަށް ކުރާ ދައުވާ ތަކަކީ ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާ އާއި، މަނީ ލޯންޑަރިންގ ކުށުގެ ދެ ދައުވާ އެވެ.
މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ 12 އޮކްޓޫބަރު 2011 އިން 14 އޭޕްރިލް 2016 އަށް އާސިމް އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރެއްގެ މަގާމުގައި ހުރި ކަމަށާއި، އެއިރު އެ ކޮމިޝަނުން އޭނާ އިސްކޮށްހުރެ ތަހްގީގު ކުރަމުން ދިޔަ އެމްޕީއެލް އާއި އޭސީސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަންގެ މައްސަލައާއި ކުރީގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުالله ޒިޔާތު އާއި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުއާއި އޭރުގެ ސަރުކާރުގެ އިސް ފަރާތްތަކުގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްދާގޮތް ޙިއްޞާކުރުމަށާއި، ކޮމިޝަނުގެ ސިއްރު މަޢުލޫމާތު ދިނުމަށާއި، ތަޙްޤީޤު ވަކި ގޮތަކަށް އަނބުރާލުމުގެ މުޤާބިލުގައި ޢަބްދުالله ޒިޔާތު އާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، ފަންސާސް ހާސް އެމެރިކާ ޑޮލަރުގެ ރިޝްވަތު ދިނުމަށްޓަކައި އެސް.އޯ.އެފް ޕްރިއިވެޓް ލިމިޓެޑްގެ އެކައުންޓުން ދޫކުރި ޗެކު އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 02 ޖޫން 2015 ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށެވެ.