ދުނިޔެ

ސައުތު ކޮރެއާގައި 31 ޑިސެމްބަރުގައި ވިހާ ކުދިންނަށް، ޖަނަވަރީ 1 ގައި ވާނީ 2 އަހަރު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އުފަންދުވަހަކީ އެންމެން ވެސް ވަރަށް ކުލަގަދަ ކޮށް ފާހަގަކުރަން ބޭނުންވާނެ ދުވަހެކެވެ. އެދުވަހަށް ކުރިއާލާ ތައްޔާރުވާ އެތައް ކަމެއް ރާވާ މީހުން ވެސް އުޅެއެވެ. އެދުވަހަކީި ތިމާގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއް ދުވަސް ކަމުގައި ވުމަށް އެންމެން ވެސް އެދޭނެކަން ގައިމެވެ. އެހެންނަމަވެސް ސައުތު ކޮރެއާގައި އެންމެ ވެސް އުފަން ދުވަސް ފާހަގަ ކުރަނީ އެއްދުވަހެއްގައެވެ. އެދުވަހަކީ މުޅި ދުނިޔެ ވެސް ފާހަގަ ކުރާ ދުވަހެކެވެ. އައު އަހަރު ފެށޭ ދުވަހެވެ.

Ads by WAMCO

ސައުތު ކޮރެއާ މީހުން އުފަން ދުވަހުގެ ގޮތުގައި ދެދުވަހެއް ފާހަގަ ކުރެއެވެ. އެމީހުން އުފަންވާ ދުވަހާއި، އައު އަހަރު ފާހަގަ ކުރާ ދުވަހު އެމީހުން ފާހަގަ ކުރާ އުފަން ދުވަހެވެ. މި ދެ ދުވަހަކީ ވެސް ވަރަށް މުހިންމު ދެ ދުވަހެެވެ. އެހެންނަމަވެސް މި ދެދުވަސް މިންކުރަނީ އެއް ތަރާދަކުން ނޫނެވެ. އެހެނީ އަންނަ ކޮންމެ އައު އަހަރަކީ ސައުތު ކޮރެއާގެ ކޮންމެެ މީހެއްގެ ވެސް އުމުރަށް އަހަރެއް އިތުރުވާ ދުވަހެކެވެ.

ކޮރެއާގެ ރައްޔިތަކު ބޭރުގެ މީިޑިއައަކަށް ދީފައިވާ އިންޓަރވިއެއެއްގައި ބުނެފައިވަނީ، އޭނާގެ އަމިއްލަ އުފަން ދުވަހަކީ ވެސް އޭނާއަށް ވަރަށް މުހިންމު ދުވަހެއް ކަމަށްވީ ނަމަވެސް އުފަން ދުވަސް ފާހަގަ ކުރުމަށް ޓަކައި އެންމެ އިސްކަމެއް ދެނީ އައު އަހަރު ފެށޭ ދުވަހަށް ކަމަށެވެ. މިއީ ސައުތު ކޮރެއާގައި ޒަމާނުއްސުރެ ވެސް ކުރަމުން އަންނަ ކަމެކެވެ.

އަދި މި ނިމުނީއެއް ނޫނެވެ. ދެން އޮތީ މިއަށްވުރެ މާ ހައިރާން ކުރުވަނިވި ކަމެކެވެ. ކޮރެއާގައި އުމުރު މިން ކުރަނީ ވަރަށް ވެސް ތަފާތުކޮށެވެ. މައިމީހާގެ ބަނޑުގައި އޮންނަ ދުވަސްތަކަކީ ވެސް އުމުރު މިންކުރުމުގައި ގުނާ ދުވަސްތަކެކެވެ. އެހެންކަމުން ކުއްޖާ އުފަންވާ ދުވަހު ކުއްޖާއަށް އެއްއަހަރު ފުރޭ ކަން އެމީހުން ގަބޫލު ކުރެއެވެ. އެހެންނަމަވެސް ކުއްޖާއަށް ދެ އަހަރު ފުރޭނީ އައު އަހަރު ފާހަގަ ކުރާ ދުވަހުއެވެ.

ދެން އޮތީ މާ މަޖާ އުސޫލެކެވެ. 31 ޑިސެމްބަރުގައި އުފަންވާ ކުއްޖާ، ޖަނަވަރީ އެކެއްގައި ދެ އަހަރު ފުރެއެވެ. މިއީ ސައުތު ކޮރެއާގެ މީހުން ގަބޫލު ކުރާ ކުރުންތަކެވެ. އެ ސަރަހައްދުގައި މި ތަފާތަކީ ވަރަށް މުހިންމު ތަފާތެކެވެ.

ކޮރެއާގެ ސަގާފަތުގައި، އިޖުތިމާޢީ ގުޅުން ދެމެހެއްޓުމަށް ޓަކައި އުމުރުގެ ހައިރާކީ އަކީ ވަރަށް މުހިންމު އެއްޗެކެވެ. އެގޮތުން އުމުރަކީ ވަރަށް މުހިންމު އެއްޗެއް ކަމުގައި ދެކި، ކޮންމެ މީހަކު ވެސް އޭނާއަށް ވުރެ ބޮޑު މީހުންނަށް އިޙުތިރާމް ކުރަން ޖެހެއެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި އެއް އަހަރެއްގައި ވިހާ އެންމެންނަކީ ވެސް މަހުގެ ގޮތުން ތަފާތުވީ ނަމަވެސް އެއް އުމުރެއްގެ އަދި ހަމަހަމަ ބައެކެވެ.

ދެން އޮތް ސުވާލަކީ ކޮރެއާ މީހުންގެ އަސްލު އުފަން ދުވަހުގައި އެމީހުން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެއީ ވެސް އެމީހުން ފާހަގަ ކުރާ ދުވަހެކެވެ. އެހެންނަމަވެސް އައު އަހަރުގައި އެމީހުން ފާހަގަ ކުރާ އުފަންދުވަހަށް ވުރެ މިދުވަހު އެމީހުން ފާހަގަ ކުރަން ދޭ އިސްކަން ކުޑައެވެ. އެދުވަހުގައި އެމީހުން އެ ދުވަސް ފާހަގަ ކުރަނީ ކުޑަ ގޮތަކަށެވެ. މިއީ ގަބޫލު ކުރަން ދަތި ކަމެއް ކަމުގައި ވީނަމަވެސް ހަގީގަތެވެ. މިއަދަކީ ސައުތު ކޮރެއާގެ އެންމެންގެ ވެސް އުފަން ދުވަހެވެ. އައު އަހަރާއެކު އެމީހުންގެ އުމުރަށް ވެސް އެއް އަހަރު އިތުރު ވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!