އުދަ އަރާ ނަރުދޫގެ ބައެއް ގެތަކަށް ގެއްލުން، މިއަދު ވެސް މޫސުން ގޯސްވާނެ
ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި، ށ. ނަރުދޫ އަށް އުދަ އަރާ އެރަށުގެ ބައެއް ގެތަކަށް ގެއްލުން ވެއްޖެއެވެ.
އެގޮތުން އެރަށު ކައުންސިލްގެ މެމްބަރު މުހައްމަދު ނިޒާރު އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ރޭ ދަންވަރު 2:00 ން ފެށިގެން މިއަދު ހެނދުނު 6:00 އާއި ހަަމައަށް އެރަށުގެ އިރު އުތުރު ފަރާތުން އުދަ އަރައި އަށް ގެއަކަށް ލޮނު ވަދެފައިވާ ކަމަށެވެ.
ބަނދަރު ސަރަހައްދުން ލޮނުގަނޑު އަރައިގެން ގޮސް، ގެތަކަށް ފެން ވަތްއިރު ދެ ގެއަކުން މީހުން ބަދަލުކުރަން ޖެހުނު ކަމަށް ވެސް ނިޔާޒު ވިދާޅުވެފައިވެއެވެ.
ނަރުދޫއަށް މީގެ ކުރިން އެވަރަށް އުދައަރާފައި ނުވާކަން ފާހަގަ ކުރަމުން ނިޔާޒް ވިދާޅުވީ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން މިހާރު އަންނަނީ ގެއްލުން ލިބިގެން ކައިރި ގެތަކަށް ދިރިއުޅުން ބަދަލުކުރި ގޭގެއިން ފެންގަނޑު ހިންދައި، އެމީހުންނަށް އަލުން ގޭގައި އުޅެވޭނެ ވަރު ކޮށް ދެމުން ކަމަށެވެ.
އިތުރަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.
ށ. ނަރުދޫ އަށް މިއަދު އުދަ އަރާފައިވާއިރު، މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ބުނެފައިވެއެވެ.
އެގޮތުން މިއަދު ފަތިހު ށ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހުދު ސަމާލު ވެސް ނެރެފައިވާއިރު، މެޓް އޮފީހުން ބުނެފައި ވަނީ އެސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެސަރަޙައްދަށް ގަޑިއަކު 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.