ޚަބަރު

އަދާލަތު ޕާޓީގެ ރައީސްކަން އަންހެނަކަށް ނުކުރެވޭތީ އިސްލާހު ކުރަން އަންގަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަދާލަތު ޕާޓީގެ ރައީސްކަމަށް އަންހެނަކަށް ވާދަ ނުކުރެވޭނަމަ އެޕާޓީގެ އަސާސީ ޤަވާއިދު އިސްލާހު ކުރަން އަންގާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

އަދާލަތު ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތި ލެވޭނީ ފިރިހެނުންނަށް އެކަންޏެެވެ.

އީސީގެ ރައީސް އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އެ ދެ މަގާމަށް ވެސް އަންހެނުންނަށް ވާދަ ނުކުރެވޭ ގޮތަށް ޕާޓީއެއްގެ އަސާސީ ގަވައިދު އޮތުމަކީ ބެސްޓް ޕްރެކްޓިސްއެއް ނޫން ކަމަށާއި އެއީ އެ ކޮމިޝަނުން ބަލައިގަންނާނެ ކަމެއްވެސް ނޫން ކަމަށެވެ.

"ބެސްޓް ޕްރެކްޓިސްއާ ހިލާފަށް އިސްލާހެއް ގެނެސްފައިވާނަމަ އަދާލަތު ޕާޓީއާ އެކު މަޝްވަރާ ކުރާނަން،" އީސީ ޝަރީފް އެނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެކޮމިޝަންގެ ރައީސް ވިދާޅުވީ އަދާލަތު ޕާޓީގެ އަސާސީ ގަވައިދަށް މިފަހުން ގެނެސްފައިވާ އިސްލާހުތައް އަދި އިލެކްޝަންސް ކޮމިޝަނަށް ނުފޮނުވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމަށާއި ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތި ނުލެވޭ ގޮތަށް އަސާސީ ގަވައިދުގައިވާނަމަ، އެކަން މުރާޖާކުރަން އަންގާނެ ކަމަށް ވެސް އިލެކްސްޝަންސް ކޮމިޝަން ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!