ކައުންސިލު އިންތިހާބު ބާއްވަން ޤާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެކަންވެސް ކުރުން މުހިންމު : ރައީސް ނަޝީދު

ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެކަންވެސް ކުރުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލު އިންތިހާބު ވީހާވެސް އަވަހަށް ބޭއްވުން ވަރަށް މުހިންމު ކަމަށެވެ.
"މިކަން ކުރުމަށް ޤާނޫނަށް ބަދަލު ގެންނަން ޖެހޭނަމަ، އެކަންވެސް ކުރުން މުހިންމު ކަމުގައި އަޅުގަނޑު ދެކެން" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، ޑިޕާޓްމަންޓް އޮފް ހެލްތުން އިއްޔެ އަންނަ މަހުގެ 3 އާ ހަމައަށް އިތުރު ކުރުމާ ގުޅިގެން، މާރިޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބު އެދުވަހު ދެން ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.
"ފެބްރުއަރީ ތިނަކާ ހަމައަަށް ގޮސްފި ކަމުގައި ވަންޏާމުން، އަޅުގަނޑުމެން އިއުލާނު ކޮށްފައި އޮތް ހައެއް މާރޗްގައި އިންތިހާބު ނުބޭއްވޭނެ، އިންތިހާބުގައި ކުރަން ޖެހޭ (ކަންކަމާއި)، އަދި އޮންނަ ތާރީހަށް ބަލާފައި، ރީރަޖިސްޓްރޭޝަންއާއި ކަންކަން ބެލުމަށް ފަހުގައި އެއްމަސް ތެރޭގައި ނުބޭއްވޭނެ އިންތިހާބު" އީސީ ޝަރީފު ވިދާޅުވެފައިވެއެވެ.
އެކޮމިޝަންގެ ރައީސް ވިދާޅުވީ މިކަމާ ގުޅޭގޮތުން އިތުރު ނިންމުންތައް ނިންމާނީ އަންނަ ބުދަ ދުވަހުގެ ބައްދަލުވުމުގައި ކަމަށެވެ.