ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިއްޖެ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ މިއަދުގެ ޝަރީއަތުގައި، ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާއާއި މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުގެ ފަރާތުން އެދިއްޖެއެވެ.
ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގާއި ރިޝްވަތު ޤަބޫލުކުރި ކަމުގެ ދައުވާ އުފުލާފައެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ، ރިޝްވަތު ޤަބޫލު ކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އިއްވާފައެވެ. އެދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެންގެވި ކަމަށް ބެލެވޭ 1،118،000 ޑޮލަރާއި އެމަނިކުފާނުގެ އާމްދަނީއާ ނުބައްދަލު ފައިސާ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދައުލަތުގެ ފަރާތުން މިއަދުގެ އަޑުއެހުމުގައި ވެސް ލިޔެކިޔުންތަކެއް ދީފައިނުވާކަން ރައީސް ޔާމީން ގެ ޤާނޫނީ ވަކީލުންނާއި އެމަނިކުފާނު ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ ލިޔެކިޔުންތައް ލިބެންދެން ދައުވާ އިއްވުން މަޑުޖައްސާލުމަށާއި ރައީސް އޮފީހުގައިވާ ލިޔެކިއުމަކާއި އެމްއެމްޕީއާރުސީގެ ލިޔެކިއުމެއް ހޯދަން އެ ދެ ތަނަށާއި ޕްރޮސެކިއުޓާ ޖެނެރަލްއަށް ވެސް ލިޔުންތައް ދިނުމަށް އެދި ސިޓީއެއް ފޮނުވާފައިވާ ކަމަށް ރައީސް ޔާމީންގެ ފަރާތުން ވިދާޅުވިއެވެ.