"ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭ"
މިސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ރައީސް ޞާލިޙު ވިދާޅުވެފައި ވަނީ ސަރުކާރުގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ނިމިދިޔަ ދެ އަހަރުގެ ތެރޭގައި ދެ ބަސްވެވޭ ބައެއް ކަންކަން ދިމާވި ނަމަވެސް އެ ކަންކަމާ ކޯލިޝަނުން ކުރިމަތިލާ އެއް އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ.
މީގެއިތުރުން، ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމާ އެކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާ ގުޅޭގޮތުން ދެއްކެވި ވާހަކައަކާ ގުޅުވާ ކުރި ސުވާލަށް ރައީސް ޞާލިޙު ވިދާޅުވެފައިވަނީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ކަމަށާއި ސަރުކާރުގެ މުވައްސަސާތައް މިނިވަންކަމާ އެކު އެފަދަ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމާ އެކު ސަރުކާރު ޒިންމާދާރު ކުރުމަށް އިސްކަންދޭ ކަމަށެވެ.
“މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރުމުގައި ފަސް ނުޖެހޭނެ. އަދި އެއީ ސަރުކާރުގެ ކިތަންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް، މޫނަކަށް ބެލުމެއް ނެތި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ" ރައީސް ޞާލިހު ވިދާޅުވިއެވެ.