ދީން

ޒިނޭ ކުރާ މީހާއަށް ދުނިޔޭގައިވާ ތިން ކަމަކާއި އާޚިރަތުގައި ވާ ތިން ކަމެއް!

އާއިޝަތު އަލީނާ ، ދެން އޮންލައިން

ޒިނޭ ކުރުމަކީ ހުތުރުކަން ބޮޑު މުޑުދާރު ފާފައެކެވެ. އަހަރެމެންގެ މުޖުތަމައުގައި މިފާފަ ކުރުމާއެކު އެފާފައިގެ ވާހަކަ އަމިއްލަ އިއުތިރާފުގަައި ދެއްކުން އާންމު ވެފައި ވަނީ އެއީ މޮޅު ކަމެއްކަމުގައި ދެކޭ ޙާލުގައެވެ.

Ads by Sosun Fihaara

ޒިނޭގެ ނުބައިކަމާއި ނުރައްކާތެރިކަމަށް ޓަކައި މި ފާފައާ ބެހޭ ގޮތުން الله ތައާލާގެ ވަހީ ބަސްފުޅު ވެސް އައިސްފައި ވަނީ ތަފާތު ގޮތަކަށެވެ. އެބަހީ ޒިނޭ ނުކުރުމަކަށް ނޫނެވެ. އަދި ކިއެއް!ޒިނޭއާ ކައިރި ވެސް ނުވުމަށެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 32 މާނާ: ” އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ. “

ކުރީގައި ކައިވެންޏެއް ކޮށްފައިވާ މީހަކު ޒިނޭކޮށްފި ކަމުގައި ވަނީ ނަމަ އޭނާގެ މައްޗަށް ކަނޑައަޅުއްވާފައި ވަނީ އެންމެ ބޮޑު ޢުޤޫބާތެވެ. އެއީ އޮތްގަލުން ތަޅާ ރަޖަމްކޮށް މަރާލުމެވެ. އޭނާގެ ހަށިގަނޑުގެ ހުރިހާ ތަނަކަށް އޭގެ ވޭން އެޅުމަށްޓަކައެވެ.  ޙަރާމްގޮތުގައި މުޅިހަށިގަނޑުން އަރާމް ލިބިގަތްކަމަށް ޓަކައެވެ. އަދި ކުރީގައި ކައިވެންޏެއް ނުކޮށް ހުރެ ޒިނޭކުރާ މީހާއަށް ވަނީ ދުއްރާއިން ތެޅުމެވެ. މިކަމުގައި ވެސް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އެންމެ މަތީ ޢަދަދެވެ. އެއީ ދުއްރާއިން 100 އެތި ފަހަރުން ތެޅުމެވެ. އަދި އެކަންކުރާ މީހާ ފަޟީޙަތްވުމަށްޓަކައި މުއުމިނުންގެ ޖަމާޢަތަކަށް މިމަންޒަރު ފެންނަގޮތަށް މިކަން ކުރިޔަށް ގެންދަން ޖެހެއެވެ. އަދި އެރަށެއްގައި އޭނާ ޒިނޭ ކުރިރަށް ނޫން އެހެން ރަށަކަށް އެއް އަހަރު ވަންދެން އަރުވާލަން ޖެހެއެވެ.

ޒިނޭ ކުރުމަކީ ދެ ދުނިޔޭގެ އަބާއްޖަވެރިކަމަށް ނަފްސު އެއްލާލާ ކަމެކެވެ. ކީރިތި މާތް ނަބިއްޔާގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

“ތިޔަބައިމީހުން ޒިނޭ ކުރުމުން ރައްކާތެރިވާށެވެ. ފަހެ އެކަމުގައި ހަ ސިފައެއް ވެއެވެ. ތިން ކަމެއް ވަނީ ދުނިޔޭގައެވެ. އަނެއް ތިން ކަންތައް އާޚިރަތުގައެވެ. ދުނިޔޭގައިވާ ކަންކަމަކީ މޫނުގެ އުޖާލާކަން ދިޔުމާއި ފަގީރުކަން ދެމިގެން ދިޔުމާއި އުމުރު ކުރުވުމެވެ. އާޚިރަތުގައިވާ ކަންކަމަކީ ކީރިތި اللهގެ ކޯފާއާއި ހިސާބު އުނިވުމާއި ދާއިމަށް ނަރަކައިގައި ދެމި ތިބުމެވެ.”ރަވާޙް އަބޫ ހުޒައިފާ

ޒިނޭކުރާ ފިރިހެނުންނަށާއި އަންހެނުންނަށް ކަށްވަޅުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. އެގޮތުން އެމީހުން ވާހުށީ އޭގެ މަތި ހަނި ކުރެވިގެންވާ އޭގެ ތިރީބައި ތަނަވަސްކުރެވިގެންވާ އުނދުނެއް ފަދަ ތަނެއްގައެވެ. އޭގެ ދަށުން އަލިފާންގަނޑެއް ވެއެވެ. އެމީހުން އޭގެތެރޭގައި ބަރަހަނާ ޙާލުގައި ތިބޭނެއެވެ. އަދި އެ އަލިފާންގަނޑު ގަދަޔަށް ރޯވެ މައްޗަށް އެރުމުން އެމީހުންގެ ހަށިތަކަށް ކެތްނުކުރެވިގެން ރޮއެ ހަޅޭއްލަވައިގަނެ އެތަނުގެ މަތީބަޔަށް އަންނާނެއެވެ. އެތަނުން ބޭރަށް ނުކުތުމަށް އެމީހުން އެދިއެދި ތިބޭނެއެވެ. ދެން އެ އަލިފާންގަނޑު ތިރިވެ މަޑުވުމުން އަނެއްކާ ވެސް އެމީހުން އެތަނުގެ ތިރިޔަށް ރުޖޫޢަވާނެއެވެ. ދެން މި ގޮތުގައި ތަކުރާރުވެ ޤިޔާމަތް ޤާއިމް ކުރެވެންދެން އެމީހުން ދެމިތިބޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!