ދުނިޔެ

ﷲ އަކްބަރު! ފްލޮއިޑްގެ މަރާއި ގުޅިގެން ކުރާ މުޒާހަރާގައި ޤުރުއާންގެ އާޔަތްތަކާއި ރަސޫލާގެ ބަސްފުޅުތައް!

ދެން އެމްވީ ، ދެން އޮންލައިން

ކަޅު ނަސްލަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑް މަރަކީ މުޅި އެމެރިކާއަށް ސިހުން ގެނުވި މަރެކެވެ. ފުލޮއިޑް މަރުވީ ކުށެއްގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރަން ދިޔަ ފުލުސްމީހާ ފުލޮއިޑް ވައްޓާލާ ކަރަށް ފައިއެރުމުން ނޭވާ ހާސް ވެގެންނެވެ. ''ނޭވައެއް ނުލެވޭ'' ބުނެ އާދޭސް ކުރަމުން ދިޔައިރު ވެސް ދޮން ނަސްލުގެ ފުލުސްމީހާ ފުލޮއިޑްގެ ކަރަށް ފައިންއަރާ އަށެއްކަ މިނެޓް ވަންދެން އިނެވެ.

Ads by WAMCO

މި ހާދިސާއަކީ ކުރިއަރާފައިވާ އެމެރިކާގައި ނަސްލީ ތަފާތު ކުރުންތަކާއި ކަޅު ނަސްލުގެ މީހުންނަށް އޮތް ރުޅިވެރިކަން އެނގިގެން ދިޔަ ހާދިސާއެކެވެ. ފުލޮއިޑްގެ މަރާއި ގުޅިގެން ނަސްލީ ތަފާތު ކުރުންތަކާއި ދެކޮޅަށް އެމެރިކާއާއި އެހެނިހެން ގައުމުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މިގޮތުން ބޭއްވި މުޒާހަރާއެއްގައި ބައިވެރިވެ ކެނެޑާ އޮޓަވާ މިސްކިތުގެ އިމާމު ވަނީ މަޖީދު ޖައްރާރު ވަނީ އާންމުންނާއި މުޚާތަބުކޮށްފައެވެ.

ނަސްލަކަށް ނުވަތަ އެނޫން އެއްވެސް ކަމެއްގެ ސަބަބުން އެކެއްގެ މައްޗަށް އަނެކަކު މަތިވެރިވެގެން ނުދާނެ ކަން އަންގައިދެމުން މަޖީދު ޖައްރާރު ދެއްކެވި ވާހަކަ ފުޅުގައި އިސްލާމް ދީނުގައި އޮތް ހަމަހަމަކަމާއި އިންސާފު އާންމުންނަށް ވަނީ ކިޔައިދީފައެވެ.

''ﷲގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވަދާޢީ ޚުތުބާގައި ޙަދީޘް ކުރައްވާފައިވެއެވެ. އޭ މީސްތަކުންނެވެ. ހުރިހާ އިންސާނުންނަކީ ވެސް އާދަމްގެ ފާނުގެ ދަރީންނެވެ. ތިޔަބައިމީހުންގެ އިލާހަކީ އެއްކައުވަންތަ އިލާހެވެ. ދޮން ނަސްލުގެ މީހެއް ކަޅު ނަސްލުގެ މީހެއްގެ މައްޗަށް މާތްވެގެން ނުވެއެވެ. އަދި ކަޅު ނަސްލުގެ މީހެއް ދޮން ނަސްލުގެ މީހެއްގެ މައްޗަށް މާތްވެގެން ނުވެއެވެ. ﷲގެ ޙަޟްރަތުގައި އެންމެ މާތް ބަޔަކީ އެންމެ ތަޤުވާވެރިވި މީހުންނެވެ. "ﷲ އަކްބަރުގެ މަތިވެރި ޝިޢާރު ގުގުމާލި މިއެއްވުމުގައި މަޖީދު ޖައްރާރު ވިދާޅުވިއެވެ.

މިއީ މިއަދު އާންމުކުރަންވީ ވާހަކަތައް ކަމަށާއި މިއަދާއި ހަމައަށް ވެސް ނަސްލީ ތަފާތު ކުރުންތައް އެބައޮތްކަމަށް ވިދާޅުވަމުން މަޖީދު ޖައްރާރު ވަނީ ނަސްލީ ތަފާތު ކުރުމާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މަޖީދު ޖައްރާރު ވިދާޅުވީ ފްލޮއިޑާއި ހިސާބުން މިކަމެއް ނުނިމޭ ،ކޮންމެ ދުވަހަކު ވެސް ތަފާތު ކުރުންތަކުގެ ސަބަބުން އަނިޔާ ލިބޭ ''ފްލޮއިޑެއް'' ފެނިގެންދާ ކަމަށެވެ. ޙައްޤަށް މަސައްކަތްކުރާއިރު ބައެއް ފަހަރު އަނިޔާ ލިބޭނެ ކަމަށާއި ނަމަވެސް އަނިޔާއާއި ތަފާތު ކުރުންތަކާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށް މަޖީދު ޖައްރާރު ވިދާޅުވިއެވެ.

މި އެއްވުމުގައި މަޖީދު ޖައްރާރު ވަނީ ﷲގެ ޙަޟްރަތުގައި އެންމެ މާތްމީހަކީ އެންމެ ތަޤުވާވެރި މީހާކަން އަންގައިދޭ ޤުރުއާންގެ އާޔަތްތަކާއި މާނަ ވެސް ކިޔައިދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!