މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓަރު ފައްޓަވައިފި
މަސްތުވާތަކެތީގެ މައްސަލަތައް ޙައްލުކުރުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް މިއަދު ޒިޔާރަތް ކުރައްވަން ފައްޓަވައިފިއެވެ.
ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު)ގެ 27ވަނަ މާއްދާގައި ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި މުޖުތަމަޢުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ.
އެގޮތުން ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ޖެންޑާ މިނިސްޓަރ ޒިޔާރަތް ކުރައްވަމުން ގެންދަވަނީ މި މަސައްކަތުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގެ ވެރިންނަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ޤަބޫލުކުރެވޭތީއާއި، ވަކިން ޚާއްޞަ ގޮތެއްގައި މި ކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގައި ސީނިއަރ މެނޭޖްމަންޓުގެ ދައުރު އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް އެމިނިސްޓްރީން މައުލޫމާތު ދެއްވައެވެ.
މިނިސްޓަރ މިއަދު ބައްދަލު ކުރައްވާފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް، އެލައިޑް އިންޝުއަރެންސް، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީނިއަރ މެނޭޖްމަންޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއެވެ. މި ބައްދަލު ކުރެއްވުމުގައި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެ ފަރާތްތަކުގެ އެއްބާރުލެއްވުން ބޭނުންވާކަން ފާހަގަ ކުރައްވައި، އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން މިނިސްޓަރ މަޝްވަރާ ކުރެއްވިއެވެ.
މި މަހުގެ ނިޔަލަށް ދައުލަތުގެ 15 އިދާރާ އަދި ކުންފުންޏަކާ ނޭޝަނަލް ޑްރަގް އޭޖެންސީން ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް މިނިސްޓަރ ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.