ޚަބަރު

ރިސޯޓުތަކުން ބަލިވާ މީހުން އިތުރުވަނީ އަލާމާތްތައް ހުރެ ޓެސްޓު ނުކުރާތީ : ޑރ. ނަޒްލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރިސޯޓުތަކުން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ގިނަވެފައިވާއިރު، އެތަންތަނުގެ ބައެއް މީހުން ބަލީގެ އަލާމާތްތައް ހުރި ނަމަވެސް ޓެސްޓު ނުކުރާކަން ފާހަގަވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެޗްއީއޯސީން ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ ބައެއް ރިސޯޓުތަކުން ޓެސްޓު ނުކުރާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ބަލީގެ ކިތަންމެ ކުޑަ ޢަލާމާތެއް ހުރި ނަމަވެސް އެކަމަށް ސަމާލުކަންދީ ޓެސްޓްކުރުން މުހިންމުކަން ފާހަގަ ކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ކޮންމެ ރިސޯޓަކުން ވެސް އެފަދަ މީހަކު ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ޚިދުމަތްދޭ ތަންތަނަށް އެމަޢުލޫމާތު ދޭން ޖެހޭ ކަމަށެވެ. ޑރ. ނަޒްމާ ވިދާޅުވީ ކޮވިޑް-19 ގެ އަލާމާތްތައް ކިތަންމެ ކުޑަކޮށް ހުރި ނަމަވެސް އެމީހަކު ވީހާވެސް އަވަހަކަށް އެކަހެރިކޮށް ޓެސްޓު ކުރުމަށެވެ.

މީގެއިތުުރުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ މީހުން ބައެއް ރިސޯޓުތަކުން ރަނގަޅަށް ކަރަންޓީނު ނުކުރާކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.

"ޓޫރިޒަމް އިންޑަސްޓްރީގެ ގައިޑްލައިންގެ ކަންކަމަށް ސަމާލުކަން ދިނުން މުހިންމު، ބައެއް ފަހަރު ގެސްޓުން އުޅޭ އޭރިޔާއަށް ސްޓާފަކު ވަޑައިގަންނަވާއިރު މާސްކް އަޅާފަ، ސްޓާފުންގެ އޭރިޔާގައި މާސްކު ނާޅާ ގައިދުރުކަން ނުބަހައްޓާކަން ފާހަގަ ކުރެވިފައިވޭ. އެކަމު ވަރަށް މުހިންމުކަމެއް އެއީ ރޫމް ޝެއަރކޮށް، އެއް ކެންޓީންނަކުން ކައިހަދާއިރު ހުރިހާ ސްޓާފުންވެސް މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުން. ފަހަކަށް އައިސް ރިސޯޓްތަކުން ކޭސްތައް އިތުރުވާތީ ޓެގްގެ ފަރާތުން ރިސޯޓްތަކުގެ ސްޓާފުންނަށް ޚާއްސަކޮށް މެޑިކަލް ސްޓާފުންނަށް ސެޝަންތައް ދަނީ ނަގައިދެމުން." ޑރ.ނަޒްލާ ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!