އޭ އެކުވެރިންނޭ، މިކަމާމެދު ނިކަން ވިސްނާލަބަލާށެވެ.
ބަވަނަވަމުން ދުނިޔޭގައި ތަފާތު އެތައް ކަމަކާއި ތިމާ ކުރިމަތިލާން ޖެހޭނެކަން ދަންނަން ޖެހެއެވެ. އެއީ އުފާވެރި ކަމެއް ވިޔަސް އަދި ހިތާމަވެރި ކަމެއް ކަމުގައި ވީ ނަމަވެސް މެއެވެ. ކަންކަމާ ކެތްތެރިކަމާއެކު ކުރިމަތިލާން ކެރެން ޖެހެއެވެ. ފަސްއިނގިލި އެއްވަރެއް ނޫނޭ މުސްކުޅިން ބުނާ އަޑު އަހަމު ނޫން ހެއްޔެވެ؟ ހަގީގަތުގައިި ވެސް އެންމެންނަކީ އެއް ހަމައެއްގައި އެއްވަރެއްގެ މީހުންނެއް ނޫނެވެ. އެހެން ނަމަވެސް ހިތާމައަކީ އެކަން ދަންނަ މީހުން މި ވަގުތީ ދުނިޔޭގައި، އަދި ތިމާގެ ޙަޔާތުގައި ވެސް، އިނގިލިން ގުނާލެވޭހާ މަދުވުމެވެ.
އަހަރެންނަކީ މާ ގިނަ ރައްޓެހިން ގެންގުޅޭ މީހެއް ނޫނެވެ. އަދި ގިނަ ރައްޓެހިން ގެންގުޅެން ބޭނުންވާ ވެސް މީހެއް ނޫނެވެ. އަހަރެން ގަބޫލު ކުރާ ގޮތުގައި އެކަނިވެރި ކަމަކީ ވެސް ޙަޔާތުގެ ކޮންމެ ވެސް ހިސާބަކުން ގުޅިފައިވާ ކަމެކެވެ. އެކަމަށް ކުރިޔާލާ ތައްޔާރަށް ތިބުމަކީ އަހަރެެން ގަބޫލު ކުރާ ގޮތުގައި މުހިންމު ކަމެކެވެ. މިއަދު ގިނަ ބަޔަކު އަހަރެންނާ މެދު ދެރަ ގޮތަކަށް ވިސްނާފާނެއެވެ. އަދި ބައެއް މީހުން އެކަމާ ހަމްދަރުދީ ވެސް ވާނެއެވެ.
އެހެންނަމަވެސް އެއީ ހައްތަހާ ވެސް ވަގުތީ ކަންކަމެވެ. މޫސުމާއެކު ބަދަލުވެ، މަންޒަރު އެއްކޮށް ބަދަލު ވެގެންދާނޭ ކަމެކެވެ. ހަގީގަތުގައި އަހަރެންނަކީ މިއަދު ނިކަމެއްޗަކީމެވެ. އެހެންމީހެއްގެ އެހީތެރިކަމެއް މިއަދު އަހަންނަށް ބޭނުންވާ ވަގުތު، އަހަރެން ވަކި ދާނެ މަންޒިލެއް ނެތެވެ. އެހެންނަމަވެސް އަހަރެން ގާތަށް މަދަދަށް އެދި އަންނަ މީހާއަށް އަހަރެންގެ ފަރާތުން ވެވެން އޮތް ވަރަކަށް އެމީހަކަށް މަދަދުވެރި ވާނަމެވެ.
ބުނެ އުޅޭތީ އަޑު އެހީމެވެ. އެންމެން ވެސް ތިމާ ދެކެ ލޯބިވާނޭ ދުވަހަކީ ތިމާ ފަސްގަނޑު ދަަށަށް ދާ ދުވަހުއެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ތެދެކެވެ. އެދުވަހުން އަހަރެން ދިރި ދުނިޔޭގައި ހާލު ބަލާލަން ބޭނުން ނުވި އެތައް މީހަކު މަގޭ ފުރާނަ ނެތް މަސްގަނޑު ބަލާލަން އަންނާނެއެވެ. އަހަރެންގެ ފޭސްބުކުގެ މަގޭ ފީޑު އެއްކޮށް ފުރާލާނީ އަހަރެންނަށް ތައުޒިޔާގެ މެސެޖުތައް ލިޔެގެންނެވެ، ބޭނުމަކީ ކޮބައިހެއްޔެވެ؟ އެހުރިހާ އެއްޗެއްސަކީ އަހަރެންނަށް ފެންނާނެ އެއްޗެއްސެއް ނޫނެވެ.
ބައެއް ފަހަރު ހިތަށް އަރައެވެ. އަހަރެން މަރުވީމަ ހަގީގަތުގައި ވެސް އެމީހުން ދެރަވާނެ ހެއްޔެވެ؟ ނޫނީ ފޭސްބުކުން ދައްކާލާ ދަޅަތަކެއްގެ ގޮތުގައި އެ ޕޯސްޓުތައް ކުރަނީ ބާވައެވެ. ޖަވާބު އެނގޭނީ ވެސް ޚުދު އެމީހަކަށެވެ. މާތް ރަސްކަލާނގެ ރަޙުމަތުން އަހަރެންގެ ހިތުގައި އެއްވެސް މީހަކަށް ބުރަކަމެއް އަދި ރުޅިވެރިކަމެއް ވެސް ނެތެވެ. އެހެން ނަމަވެސް ބުނަން ހެއްޔެވެ؟ އަހަރެން ދެކެ ލޯބި ވަންޏާ އެލޯބި އަހަރެން ދިރި ދުނިޔޭގައި ދައްކާށެވެ. މާދަމާ ވެސް އަހަރެން މަރުވެއްޖެ ނަމަ އަހަރެންގެ މޫނު ބަލައި ފޭސްބުކުގައި ދިގު ޕޯސްޓުތައް ކޮށް ހިތާމަކުރިޔަސް އެމަންޒަރުތައް ބަލާކަށް އަހަރެންނެއް ނުހުންނާނެއެވެ.