އުމުރުން ދުވަސްވީ މީހާގެ ކަރުގައި އިންޑިއާ މީހާ ހިފުން: ފުލުހުންނާއި އާންމުންގެ ވާހަކަ ދިމައެއްނުވޭ!
ހުޅުމާލެ މިސްކިތެއްގައި ނަމާދަށް ހުރި އުމުރުން ދުވަސްވީ ދިވެއްސެއްގެ ކަރުގައި އިންޑިއާ މީހަކު ހިފި މައްސަލައިގައި ފުލުހުންނާއި އާންމުން ދެއްކި ވާހަކަ ތަފާތުކަން ހާމަ ވެއްޖެއެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހަކު "ގައިން ވަހެއް ދުވާތީ" ކަމަށް ބުނެ އިންޑިއާ ފިރިހެނެއް އެމީހާ ނެރެން އުޅެ، މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މިމައްސަލައިގައި އިންޑިއާ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
ނަމަވެސް އެވަގުތު އެމިސްކިތުގައި ތިބި ބައެއް އާންމުން، ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ "ނުބައި ވަހެއް" ދުވާ ކަމަށް ބުނި ވާހަކައެއް ފެންމަތި ނުވާ ކަމަށެވެ.
އެގޮތުން ދިވެހި މީހާގެ ގައިން ނުބައި ވަހެއް ދުވާތީ އެއްވެސް މީހަކު އެމިސްކިތް ތެރޭ ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި "އެއްޗެއް ނެގިންހޭ، ނެގިންހޭ" ކިޔާ ދިވެހި މީހާއަށް އިންޑިއާ މީހާ އެވަގުތު ހަމަލާ ދީފައިވާ ކަމަށް ބައެއް ފަރާތްތަކުން ވަނީ މީޑީއާތަކަށް މައުލުމާތު ދީފައެވެ.
ދިވެހި މީހާ "ކޮންމެވެސް އެއްޗެއް ނެގީ" ކަމަށް ބުނެ ތުހުމަތުކުރި ކަމަށާއި އިންޑިއާ މީހާ ބޭނުންވީ އުމުރުން ދުވަސްވީ މީހާ ބަލައިފާސް ކުރަން ކަމަށް ވެސް ބުނެފައިވެއެވެ.
މިކަންކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުންގެ ތަހުގީގުގެ ތެރެއިން ބަލަމުން ދާނެ ކަމަށެވެ. އަދި މީޑިއާތަކާ ހިއްސާ ކުރެވެންހުރި މައުލޫމާތު ތަހުގީގަށްފަހު ހިއްސާ ކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.