ދުނިޔެ

އިންޑޮނޭޝިޔާ އަށް އެރި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 67 ކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑޮނޭޝިއާއަށް އެރި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 67 އަރާފައިވާކަމަށް އިންޑޮނޭޝިއާގެ ރެޑް ކްރެސެންޓުން ބުނެފިއެވެ.

Ads by Sosun Fihaara

އިންޑޮނޭޝިއާއަށް އައީ 6.2 މެގްނެޓިއުޑްގެ ބިންހެލުމެކެވެ. އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމެންޓުން ބުނާ ގޮތުގައި މި ބިން ހެލުމުގެ ސަބަބުން 100 ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބި މިހާރު ފަރުވާދެމުން އެބަދެއެވެ. އިންޑޮނީޝިއާގެ ސުލަވޭސީ އައިލެންޑަށް މިއަދު އައި ބާރުގަދަ ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ތެރޭގައި ހޮސްޕިޓަލެއް ވެސް ހިމެނެއެވެ.

ގިނަ އަދަދެއްގެ އިމާރާތްތަކެއްގެ އިތުރުން އިންޑޮނޭޝިއާގެ މިލިޓަރީ ކޮމާންޑް އޮފީސް ވެސް ވަނީ މި ބިންހެލުމުގައި ވެއްޓިފައެވެ. މީގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކާއި ހޮޓެލްތައް ހިމެނެއެވެ.

ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ނުލިބުނު ނަމަވެސް ބިންހެލުން އައުމާއެކު ގިނަ ބަޔަކު ވަނީ ބިން އުސް ސަރަހައްދުތަކަށް ދަތުރު ކޮށްފައެވެ.އިމާރާތްތަކުގެ ދަށުވެފައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު 67 ވުރެ އިތުރުވެގެން ދިއުން އެކަށީގެންވާކަމަށް އިންޑޮނޭޝިއާގެ ރެޑްކްރެސެންޓް އޮފިޝަލުން މައުލޫމާތު ދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!