ދީން

ކުދީން ޤުރުއާން ހިތުދަސްކުރުވުމަށް ކުރެވިދާނެ ދިހަ ކަމެއް

ދެން އެމްވީ ، ދެން އޮންލައިން

މަންމަޔަކު ބައްޕަޔަކު ދަރިފުޅަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ، ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ދަރިފުޅަށް ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމެވެ. އެކަން ކުރުމަށް ޓަކައި މަސައްކަތްކުރަން ޖެހެއެވެ. ތިރީގައި މި ލިޔެލަނީ މިކަމަށް ބާރުއެޅުމުގެ ގޮތުން ޢަމަލުކުރެވިދާނެ ގޮތެވެ.

Ads by STELCO

1- ﷲ އަށް ނިޔަތް ޚާލިޞްކޮށް، ތިމާގެ ދަރިފުޅަކީ ކީރިތި ޤުރުއާން ހިތުދަސް ކުއްޖަކަށް ހެދުމުގެ ޢަޒުމް ހިތުގައި ކަނޑައަޅުއްވާށެވެ. ދަރިފުޅު ލިބިމުގެ ކުރިން ވެސް ޢަޒުމް ކަނޑައެޅިދާނެއެވެ.

2- ދަރިފުޅަށް މަންމަ ބަނޑު ބޮޑުއިރު ކީރިތި ޤުރުއާން ގިނަ ގިނައިން އަޑުއަހާށެވެ. ދަރިފުޅު ބަނޑުގައި އޮންނަ އިރު ވެސް ބޭރުން އިވޭ އަޑުތައް ދަރިފުޅަށް އިވޭ ކަމަށާއި އެއަޑުތައް ދަރިފުޅު އަޑު އަހާކަމަށް ދިރާސާތަކުން ދައްކައެވެ. އަދި މަންމަ ކީރިތި ޤުރުއާން ކިޔަވައި އަޑުއަހައި ހެދުމަކީ މަންމަގެ ނަފްސިއްޔަތަށް ހަމަޖެހުމާއި ހަމަހިމޭންކަން ގެނުވާނޭ ކަމެކެވެ.

3- ދަރިފުޅަށް ގާތުން ދިނުމުގެ މުއްދަތުގައި ވެސް ވީހާ ގިނައިން ދަރިފުޅަށް ކީރިތި ޤުރުއާން އިއްވާށެވެ. ކޮންމެ ދުވަހަކު އެއްގަޑިއެއްގައި މިކަން ކުރެވިދާނެއެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށް ވިޔަސް އެންމެ ރަނގަޅެވެ. މި މުއްދަތަކީ ވެސް ދަރިފުޅު ކަންކަން ދަސްކުރާ މުއްދަތެވެ. ޢާއްމުގޮތެއްގައި ބަލާއިރު ދަރިފުޅު ދުނިޔެއަށް އުފަންވުމަށް ފަހު ދަރިފުޅު ހޭދަކުރާ މަރުޙަލާތަކުގެ ތެރެއިން ހުރިހާ މަރުޙަލާއަކީ ވެސް އުނގެނުމުގެ މަރުޙަލާތަކެވެ. މި މަރުޙަލާތަކުގައި ޤުރުއާން އަޑު އިއްވުމުގެ ބޭނުމަކީ ދަރިފުޅު ޤުރުއާނަށް ލޯބި ޖެއްސުމެވެ. އަދި އެ އަޑުއެހުމުގެ ބަރަކާތް ޙާޞިލްކުރުމެވެ.

4- ދަރިފުޅަށް ވާހަކަ ދެއްކޭވަރު ވުމުން، ޚާއްޞަކޮށް ދަރިފުޅަށް ފެންނަ ހިސާބުގައި މައިންބަފައިން ކޮންމެ ދުވަހަކު ވެސް ކީރިތި ޤުރުއާނުން މިންވަރެއް ކިޔެވުމަކީ، ވަރަށް މުހިއްމު ކަމެކެވެ. މިކަމުގެ ސަބަބުން ކީރިތި ޤުރުއާން ކިޔެވުމަށް ދަރިފުޅު ޝަޢުޤުވެރިވާނެއެވެ.

5- ދަރިފުޅަށް މުޞްޙަފެއް ހަދިޔާކުރާށެވެ. އެއްޗެހި މިލްކުކުރުމަކީ ނުވަތަ އަމިއްލަ އެއްޗެއް އަތުގައި އޮތުމަކީ ކުދިން ވަރަށް ލޯބިކުރާ ކަމެކެވެ. އެގޮތުން ބައެއްމީހުން ކުޅޭ އެއްޗިހި، ބޯޅަ، ފޮތް އަދި ބައެއް މީހުން ޓެބްލެޓްފަދަ ތަކެތި ދަރިފުޅަށް ހަދިޔާކުރަމުއެވެ. ދަރިފުޅުގެ އަމިއްލަ އެއްޗެއްގެ ގޮތުގައި މުޞްޙަފެއް އޭނާއަށް ޚާއްޞަކޮށް ހަދިޔާކުރުމަކީ އެ މުޞްޙަފާ ހެދީ އެދަރިފުޅު އުޅުމަށް، އާދެ އެ މުޞްޙަފުން ކީރިތި ޤުރުއާން ކިޔެވުމަށް ބާރުއަޅާނޭ ކަމެކެވެ.

6- ކީރިތި ޤުރުއާނުން ސޫރަތެއް ދަސްވުމުން، ފޮތެއް ދަސްވުމުން އެކަން ފާހަގަކޮށް، އެކަމާ އުފާކޮށް ޙަފުލާ ބާއްވައި ހަދިޔާ ދީ ހެދިދާނެއެވެ. އަދި މި ފަދަ ޙަފްލާތަކަށް ކުއްޖާގެ އެކުވެރިންނާއި ޢާއިލާގެ މީހުންނަށް ދަޢުވަތު ދެވިދާނެއެވެ. މިކަމުގެ ސަބަބުން އިތުރަށް ޙިފްޒުކުރުމަށް ކުއްޖާއަށް ބާރުލިބޭނެއެވެ.

7- ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މުބާރާތްތަކުގައި ބައިވެރިކުރަން ދަރިފުޅަށް ބާރު އެޅިދާނެއެވެ. މިގޮތުން މިފަދަ މުބާރާތްތަކަށް ކަނޑައެޅިފައިވާ މުޤައްރަރު ދަސްކުރުމަކީ ދަރިފުޅު ކުރާ ހިތުން ކުރާނޭ ކަމެކެވެ.

8- ޤުރުއާން ހިތުދަސްކުރުވުމުގައި ލަނޑުދަނޑި ކަނޑައަޅައިގެން ތާވަލަކާ އެއްގޮތަށް މަސައްކަތްކުރާށެވެ. އަދި އެތާވަލާ އެއްގޮތަށް ކުރިއަށް ދާ މިންވަރު ފެންނަން ހުރުމަކީ ކުދީން އެ ލަނޑު ދަނޑި ޙާސިލްކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ. މިސާލަކަށް މިކަން ކުރުމުގައި ކުރެހުން ބޭނުން ކުރެވިދާނެއެވެ. 10 ސޫރަތް ހިތުދަސްކުރާނަމަ 10 ތަރި ނުވަތަ އޭނޫންވެސް ކޮންމެވެސް ބައްޓަމެއް ކުރަހާ، ހިތުގަސްވާ ކޮންމެ ސޫރަތަކާއެކު ބައްޓަމެއްގައި ކުލަޖައްސާ، ކުރިއަށްދާ މިންވަރު ފެންނަން އިންނަގޮތަށް ހެދިދާނެއެވެ. މިއީވެސް ކުދީން ޝަޢުޤުވެރިކުރުވުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.

9- މިކަމުގައި އެކި އެކި ވަސީލަތްތައް ބޭނުން ކުރެވިދާނެއެވެ. އެގޮތުން އޯޑިއޯ، ވީޑިއޯ އަދި ޤުރުއާން ހިތުދަސްކުރުމަށް ހަދާފައި ހުންނަ އެޕްތައްވެސް ބޭނުން ކުރެވިދާނެއެވެ.

10- ދަރިފުޅު ޤުރުއާން ހިތުދަސްކުރާ ކިލާހަކަށް ފޮނުވިދާނެއެވެ. ގޭތެރޭގައި ކުދީން ވާދަކުރާ ގޮތަށް ހިފްޒުކުރުމުގެ މުބާރާތެއް ވެސް ބޭއްވިދާނެއެވެ. އަދި އެފަދަ މުބާރާތަކުން އެއްވަނަ ހޯދާ ކުއްޖަކަށް ރަނގަޅު އިނާމެއް ދެވިދާނެއެވެ.

މިގޮތުން ކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ. އެކަންކަން ބިނާވާނީ ކުއްޖާގެ ޢުމުރަށާއި، ކުއްޖާއަށް މާބޮޑަށް މަޖުބޫރުނުކޮށް ކުއްޖާގެ ހިތުގައި ޝަޢުޤުވެރިކަން އުފެއްދުމުގެ މައްޗަށެވެ. މިކަމުގައި މުހިއްމީ ދުޢާކުރުމާއެކު ހުއްޓައި ނުލައި މަސައްކަތްކުރުމެވެ.

މަސްދަރު: ޝާފިޢު.އެމްވީ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!