ކޮވިޑް-19އާ ގުޅިގެން ގަތް ބިރެއްގެ ސަބަބުން މި މީހާ އެއާރޕޯޓެއް ތެރޭ ތިން މަސް ވަންދެން އުޅުނީ ފިލައިގެން
އެމެރިކާގައި ދިރިއުޅެމުން ދިޔަ 36 އަހަރުގެ މީހަކު ކޮވިޑް-19ގެ ސަބަބުން ، އަނބުރާ ދިރިއުޅޭ ސިޓީއަށް ދާން ބިރުން، އެގައުމުގެ ޗިކާގޯގެ އިންޓަރނޭޝަނަލް އެއާރޕޯޓެއްގެ ތެރޭގައި 3 މަސް ވަންދެން ފިލައިގެން އުޅެފިއެވެ.
އެއާރޕޯޓްގައި ގަވައިދާ ޚިލާފަށް އުޅުމުގެ ސަބަބުން އަދިތްޔާ ސިންގް ނަމަކަށް ކިޔާ މި މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާ ޗިކާގޯ އަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގައެވެ.
އަދިތްޔާ އެއާރޕޯޓްގައި އުޅުނީ އެހެން ފަސިންޖަރުންގެ އަތުން އެކި ގޮތްގޮތުން ކާ އެއްޗެހި ހޯދައިގެން ކަމަށާއި އޭނާ އަކީ އެމެރިކާގެ ކެލިފޯނިއާގައި ދިރިއުޅޭ މީހެއް ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަދި އޭނާ ޗިކާގޯއަށް ދިޔަ ސަބަބެއް އަދިއަދަށް ދާންދެން ވެސް އެނގިފައި ނުވާ ކަމުގައި ރިޕޯޓްތައް ބުނެއެވެ.
މި މައްސަލަ ކޯޓުގައި ބައްލަވަމުން ގެންދަވާ ފަނޑިޔާރު ވެސް މި މައްސަލައިގެން އަޑު އެހުމުގައި އިންނެވީ ހައިރާންވެފައި ކަމުގައި ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އަދި އޭނާ ވަނީ 19 އޮކްޓޯބަރު 2020އިން 16 ޖަނަވަރީ 2021އަށް މީހަކަށް އެއާރޕޯޓްގައި ފިލައިގެން އުޅެވުނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ. އަދި މި މައްސަލައިގެ ވާނުވާ ސާފުވާން ބޭނުންވާ ކަމުގައި ބުނެފައެވެ.
އަދިތްޔާ ފިލައިގެން އެއާރޕޯޓްގައި އުޅޭކަން ސަމާލު ކަމަށް އައީ ޔުނައިޓެޑް އެއާރލައިންގެ ދެ މުވައްޒަފަކު އޭނާގެ ގާތުގައި އޭނާގެ އައިޑެންޓިފިކޭޝަން ދެއްކުމަށް އެދުމުންނެވެ. އޭނާ މި ސުވާލު ކުރުމުން ދެއްކީ އެއާޕޯޓް ބެޖެއް ކަމަށާއި ނަމަވެސް އެ ބެޖަކީ އޮކްޓޯބަރު މަހު އެއާރޕޯޓުން ގެއްލިފައިވާ މުވައްޒަފެއްގެ އެއްޗެއް ކަން ވެސް އެނގިފައިވާ ކަމަށް ބޭރުގެ ނޫސްތަކުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އަދިތްޔާ އަކީ މީގެ ކުރިން ކުށުގެ އެއްވެސް ރިކޯޑެއް އޮތް މީހެއް ނޫން ކަމަށާއި އޭނާއަކީ ހޮސްޕިޓަލިޓީ އިން މާސްޓަރސް ޑިގްރީއެއް ހާސިލް ކޮށްފައިވާ ފަރާތެއް ކަމުގައި ވެސް ރިޕޯޓްތައް ބުނެއެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގް ކުރަމުންދާއިރު މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 27 ޖަނަވަރީ ގައެވެ.