ފުށިފަރު ރިސޯޓުން ޖެޓްސްކީ އެއްގައި ފުރި ދެ ދިވެހީން ގެއްލިއްޖެ

ފުށިފަރު ރިސޯޓުން ޖެޓްސްކީ އެއްގައި ފުރި ދެ ދިވެހީން ގެއްލިއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ޖެޓްސްކީ ގައި ނިކުމެފައި ވަނީ އުމުރުން 29 އަހަރުގެ އަންހެނަކާއި 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ގެެއްލިގެން ހޯދަމުން ދަނީ ފުށިފަރު ރިސޯޓުގެ ދެ މުވައްޒަފެެކެވެ. އެމީހުން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި އެ ދެމީހުން ޖެޓްސްކީ ދުއްވާލަން ދިޔައީ ލައިފް ޖެކެޓު ވެސް އަޅައިގެންނެވެ.
ގެއްލިގެން އުޅޭ ދެ މީހުންގެ ތެރެއިން އަންހެން މީހާ ފޯނެއް ގެންދިޔަ ކަމަށް އެމްއެންޑީއެފް ނޮދަރން އޭރިއާ އުލިގަމު ޕޯސްޓަށް މައުލޫމާތު ދީފައިވެއެވެ. ނަމަވެސް ފޯނަށް ގުޅުމުން ރިންގް ވިނަމަވެސް ޖަވާބު ނުދޭ ކަމަށާއި ފޯނާ ގުޅޭތޯ އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް މޭޖަރ އާޒިމް ވިދާޅުވެފައިވެއެވެ.
އެމީހުން ރިސޯޓުން ފުރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ 17:45 ހާއިރެވެ.