ޚަބަރު

އަންނަމަހުން ފެށިގެން އިންޑިގޯ އެއާލައިނުން ރާއްޖެ-ބެންގަލޫރު ދަތުރުތައް ކޮންމެ ދުވަހަކު

ރައުފާ ރަޝީދު ، ދެން އޮންލައިން

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލެ އާއި ބެންގަލޫރާ ދެމެދު ކޮންމެ ދުވަހަކު ދަތުރުތައް ފަށަން އިންޑިއާގެ އިންޑިގޯ އެއާލައިނުން ނިންމައިފިއެވެ.

Ads by Hajj Corporation

ޓްރެވަލް ޓްރޭޑް މޯލްޑިވްސް އިން ބުނާ ގޮތުން އިންޑިގޯ އިން މިހާރު ހަފްތާއަކު 3 ދަތުރު ރާއްޖެއާއި ބެންގަލޫރާ ދެމެދު ކުރަމުން އަންނަ ކަމަށެވެ. އިންޑިގޯ އިން މިހާރު ވެސް އަންނަނީ އިންޑިއާގެ ތިން މަންޒިލަކަށް ދަތުރު ކުރަމުންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ތެރޭގައި އިންޑިއާ ހިމެނޭއިރު، 2020 ވަނަ އަހަރު އިންޑިއާއިން 62،905 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. މިއާއެކު 2020 ވަނަ އަހަރުގެ މަރކެޓް ޝެއަރ ވަނީ 11.3 އިންސައްތަޔަށް އަރާފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ދަތުރުތައް ކުރަމުން އަންނަނީ "އެއާ ޓްރެވަލް ބަބުލްގެ ދަށުންނެވެ. އިންޑިއާ އިން މީގެ ކުރިން ވެސް ބައެއް ގައުމުތަކާ އެކު "އެއާ ޓްރެވެލް ބަބުލް" ގާއިމް ކޮށްފައި ވެއެވެ. އެކަމަކު، ރާއްޖެ-އިންޑިއާގެ "އެއާ ޓްރެވެލް ބަބުލް" އަކީ ދެކުނު އޭޝިއާގެ ގައުމަކާ އެކު ގާއިމްކުރި މިފަދަ ފުރަތަމަ އެއްބަސްވުމެވެ.

"އެއާ ޓްރެވެލް ބަބުލް" އަކީ ކޮވިޑް-19 ފެތުރޭތީ ގައުމުތަކުގެ މެދުގައި ކުރަމުން އައި ދަތުރުތައް ހުއްޓާލާފައި އޮތުމަށް ފަހު، ހާއްސަ އުސޫލުތަކަކާއި މިންގަނޑުތަކަކާ އެކު ދަތުރުތައް ކުރުމަށް ގާއިމު ކުރާ އެއްބަސްވުމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!