ޚަބަރު

އިންކަމް ސަޕޯޓަށް ދޫކުރި އަދަދު 252.5 މިލިއަން ރުފިޔާއަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ވަޒީފާއަށް އަސަރުކޮށް އަދި ވަޒީފާ ގެއްލިފައިވާ މީހުންނަށް ދޭ، އިންކަމް ސަޕޯޓް އެލަވަންސުގެ ގޮތުގައި ދޫކުރި ރުފިޔާގެ އަދަދު 252.5 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

Ads by MWSC

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 17,535 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވަންސް 57,914 ފަހަރު ދޫކުރެވިފައިވާ ކަމަށާއި އެއީ ޖުމްލަ 252.5 މިލިއަން ރުފިޔާ ކަމަށެވެ.
ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވަޒީފާ ގެއްލި، ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ދޭ "އިންކަމް ސަޕޯޓް"، އާމްދަނީއާ ގުޅޭ އެހީތެރިކަމުގެ އެލަވަންސް ތައާރަފު ކުރެވިފައި ވަނީ މިގޮތުން އާމްދަނީއަށް ނޭދެވޭ އަސަރު ކޮށްފައިވާ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރު ކޮށްދިނުމަށެވެ.

މި އެލަވަންސް ފޯރު ކޮށްދެނީ ދިހަ މަހުގެ މުއްދަތަކަށް (އެޕްރީލް 2020 އިން ޑިސެންބަރު 2020 އަށް) ޝަރުތު ހަމަވާ ވަކިވަކި ފަރުދުންނަށެވެ. އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 1.38 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް 14501 މީހަކަށް 182 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިމަސް ނިމުމުގެ ކުރިން އޮކްޓޯބަރާއި ނޮވެމްބަރު މަހުގެ އެލަވަންސަށް އެދި ފޯމް ހުށަހަޅަންޖެހޭއިރު ޑިސެމްބަރު މަހުގެ އެލަވެންސަށް ފޯމް ހުށަހަޅަން ޖެހެނީ 10 ޖަނަވަރީން ފެށިގެން އެ މަހުގެ ނިޔަލަށެވެ.

މި އެލަވަންސް އަށް ކުރިމަތިލައްވާ ފަރާތްތަކުން، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް ކުރި އަސަރު، ޖޮބް ސެންޓަރުގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރެއްވޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!