ޚަބަރު

ތަޙުޤީޤް ހިންގާފައިވަނީ ރާއްޖޭގައި ޓެރެރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗް ކުރި ކަމުގެ އިންޓެލިޖެންސް ލިބުމުން

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުން ހައްޔަރުކޮށްފައިވާ މީހުން..

ޓެރަރިޒަމް އަމަލުތަކެއް ހިނގުމަށް ރާވަމުން ދަނިކޮށް މިދިޔަ އަހަރު ތިމަރަފުށިން ހައްޔަރުކުރި މީހުން ހައްޔަރު ކުރި އޮޕަރޭޝަން ފަށާފައި ވަނީ، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސަރޗް ކުރަމުން ދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިން މަޢުލޫމާތު ދިނުމުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

Ads by Sosun Fihaara

ފުުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފުލުހުން މި އޮޕަރޭޝަން ހިންގާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ޚުރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ. ތިމަރަފުށި / ފެހިވިދުވަރުގެ، ޢަބްދުﷲ ޝަރީފް އައްޔަން ކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ އަދި ތިމަރަފުށީގެ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓް ކުރާކަމަށް ބެލެވޭ "ނަސާޙް-3" ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) އެއް ތައްޔާރު ކުރުމަށް ބޭނުންވާ އާލާތްތައް އެއްކޮށް، އެދޯނީގައި އައިއީޑީއެއް ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ. އަދި އެ ދޯނިން ހައްޔަރުކުރި މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސަރޗް ކުރަމުން ދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދިނުމާ ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާލުވިއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހަކު އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކޮށް، އެޖަމާއަތުގައި ހަރަކާތްތެރި ވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑް ރެއިސް ކުރުމުގެ އެކި ހަރަކާތްތައް ހިންގައި، އެކިފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވާ، ރާއްޖޭގައި ލިބެންހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުޤުވެރިކަން ފާޅު ކޮށްފައިވާކަން މީހުން ކަމަށެވެ.

އަދި މިފަރާތްތަކުން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ހިތްވަރު ލިބިގަތީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުހާތަބުކޮށް ދީފައިވާ މެސެޖަކާ ގުޅިގެންކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މިގޮތުން އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން ދީފައިވާ މެސެޖުގައި "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެނަމަ، ދެން ޞަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ޙަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލު ކުރުމަށާއި، ޗިސްޗިސް ކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ." މިފަދައިން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ގޮވާލައި އެކަމަށް ހިތްވަރު ދީފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!