ޚަބަރު

އޭސީސީގެ ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކައަކުން ވަޒީފާ ގެއްލުނު މީހަކަށް އަލުން ވަޒީފާ ދޭން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންޓި ކޮރަޕްޝަން ކޮޮމިޝަން (އޭސީސީ)ގެ ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ވަޒީފާއިން ވަކިކުރި އެ ކޮމިޝަންގެ މުވައްޒަފަކަށް އަލުން ވަޒީފާދޭން ހައި ކޯޓުން އަމުރު ކޮށްފިއެވެ.

Ads by Sosun Fihaara

އެނގިފައިވާ ގޮތުގައި އެމުވައްޒަފު ވަޒީފާއިން ވަކިކުރީ އޭސީސީގެ ވަޒީފާއަކަށް ކަނޑައެޅި ޝަރުތުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ދެއްކި ވާހަކައަކާ ގުޅިގެންނެވެ.

އެކޮމިޝަންގައި 11 އަހަރު ދުވަސް ވަންދެން މަސައްކަތް ކުރި އެމުވައްޒަފު 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަޒީފާއިން ވަކިކުރީ އެ ކޮމިޝަނަށް އިންވެސްޓިގޭޝަން އޮފިސަރަކު ހޯދަން ކުރި އިއުލާނެއްގައި އެ މަގާމުގެ ޝަރުތުތައް ކަނޑައަޅާފައިވާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކޮމިޝަންގެ މުވައްޒަފުންތަކެއް، މުވައްޒަފުންގެ ވައިބާ ގްރޫޕެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް އެމީހާ އެމައްސަލަ ހުށަހެޅުމުން ޓްރައިބިއުނަލުން ނިންމީ ވަޒީފާ އަނބުރާ ނުދެވޭނެ ކަމަށެވެ.

އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނީ ވައިބާ ގްރޫޕްގައި ދެއްކި ވާހަކަތަކުގެ ޗެޓް ލޮގްތަކަށް ބަލާއިރު، އެއީ ކޮމިޝަންގެ އަގު ވެއްޓޭ ފަދަ ވާހަކަތަކެއް ކަމަށް އޭސީސީއަށް ބުނެ ދެވިފައި ނެތް ކަމަށާއި އެ ކަންބޮޑުވުންތައް އެ ގްރޫޕްގައި ފާޅުކުރީ އޭނާ އެކަނި ނޫންކަން ވެެސް ޗެޓް ލޮގްތަކުން އެނގޭ ކަމަށެވެ.

އެމީހާ ފާޅުކުރީ ހަގީގީ ކަންބޮޑުވުންތަކެއް ކަން ދެނެގަތުމަށްޓަކައި އޭސީސީގެ ވަޒީފާއާ ބެހޭ އިއުލާނާއި އޭސީސީއަށް މުވައްޒަފުން ހޯދުމުގައި އަމަލުކުރާ އުސޫލު ބެލުމުގެ ފުރުސަތު ޓްރައިބިއުނަލާއި ހައި ކޯޓަށް ވެސް ލިބިފައި ނެތް ކަމަށެވެ. އެހެންކަމުން އޭނާގެ ކަންބޮޑުވުންތަކަކީ ހަގީގަތެއް ނަމަ، އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!