އިދިކޮޅު ކޯލިޝަނުން ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކުރަނީ

ކުންފުނިތަކުން ކުރި މަސައްކަތަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ފަރާތުން ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މުޒާހަރާ ކުރަމުން އެބަދެއެވެ.
ގިނަ ވިޔަފާރިވެރިންތަކެއް ދަނީ ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތް ކުރުމަށް ފަހުގައި އެ މަޝްރޫޢުތަކަށްވާ ފައިސާ ނުލިބޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން ޚާއްޞަކޮށް ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން ހަވާލުކޮ ށްފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް ފައިސާ ނުލިބިގެން އެ މައްސަލަ ހުށަހަޅާފައި ވާކަން ވެސް އެނގިފައިވެއެވެ.
މިއަދުގެ މުޒާހަރާ ތެރޭގައި ޕީއެންސީގެ ކައުންސިލު މެންބަރު ނަރީޝް ބިންމައްޗަށް ވެއްޓި އަނިޔާވެފައިވާ ކަމަށާއި، އަދި މިހާރު ފުލުހުން އޭނާގެ ވެހިކަލުގައި ގެންގޮސްފައިވާ ކަމަށް އެ ސަރަހައްދުގައި ތިބި ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.
މިއަދުގެ މުޒާހަރާގެ ބައިވެރިން ދަނީ، ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލަމުންނެވެ.
މުޒާހަރާގެ ބައިވެރިން ފާހަގަ ކޮށްފައި ވަނީ، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަކީ ކޮރަޕްޝަނުގެ އަމަލުތައް ހިންގަވާ ބޭފުޅެއް ގޮތުގައެވެ. އެގޮތުން ރައްޔިތުންނަށް ފައިސާ ނުލިބި ނިކަމެތި ވަމުންދާއިރު މިނިސްޓަރ އަމީރުގެ ޖީބު ބޮޑުވަމުން އަންނަ ކަމަށް އެ މީހުން ބުނެފައި ވެއެވެ.