ކޮވިޑް-19: އޮކްސްފޯޑް ޔުނިވާސިޓީން އުފައްދާ ވެކްސިނުން އެއް އަހަރު ދުވަހަށް މިބަލިން ރައްކާތެރިކޮށްދޭނެ ކަމަށް ބުނެފި
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އިން ރައްކާތެރި ކުރުމަށްޓަކައި އޮކްސްފޯޑް ޔުނިވާސިޓީން ތައްޔާރުކުރާ ވެކްސިނުން، އެއް އަހަރު ދުވަހަށް އެބަލިން ރައްކާތެރި ކޮށްދޭނެ ކަމަށް އަސްޓްރާޒެނެކާ ގެ ވެރިމީހާ ބުނެފިއެވެ.
ބޭސް ތައްޔާރުކުރާ ބްރިޓިޝްގެ ބޮޑު ކުންފުންޏެއް ކަމަށްވާ އަސްޓްރާ ޒެނެކާގެ ވެރިމީހާ ޕެސްކަލް ސޮރިއޮޓް ބުނެފައިވަނީ މިވެކްސިން މިހާރު ވެސް 10،000 މީހުންނަށް ޓެސްޓު ކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާ މިއަހަރުގެ އޯގަސްޓު މަހު ލިބޭނެ ކަމަށެވެ.
ޕެސްކުއަލް ބުނީ، ނަތީޖާ ލިބުން ފަސްވިކަމުގައިވިޔަސް، އެވެކްސިން ޖަހާމީހުންނަށް ކޮވިޑް-19 ޖެހިދާނެ ކަމުގެ ބިރު އެއް އަހަރު ވަންދެން ނޯންނާނެ ކަމަށެވެ.
އޮކްސްފޯޑްގެ ފަރާތުން އުފައްދާ މިވެކްސިނަކީ ކޮރޯނާ ވައިރަހާއި ހަނގުރާމު ކުރުމުގެ ގޮތުން ހަށިގަނޑުގެ ތެރެއަށް ފޮނުވާލެވޭ ވެކްސިނެއްގެ ކަމުގައި ވެސް ޕެސްކުއަލް ބުނެފައިވެއެވެ.
މިވެކްސިންގެ ސަބަބުން ދިފާއީ ނިޒާމް ވަރުގަދަކޮށް، ވައިރަހާއި ހަނގުރާމަ ކުރާނެ ކަމަށް އެމީހުންގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.
މީގެއިތުރުން ޕެސްކުއަލް ބުނެފައިވަނީ، މިވެކްސިން ކާމިޔާބު ވެއްޖެނަމަ މުސްތަޤުބަލުގައި ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރަން ހަށިގަނޑު ޓްރެއިން ވެސް ވާނެ ކަމަށެވެ.