ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފައި އަނުޝްކާ ބުނީ މިހާރު އެހާ ނިދި ނުލިބޭ ކަމަށް!

މިދިޔަ މަހު ބޮލީވުޑްގެ ފޭނުންނަށް ލިބުނު އެންމެ ބޮޑު އެއް އުފާވެރި ޚަބަރަކީ މަޝްހޫރު އެކްޓްރެސް އަނުޝްކާ ޝަރްމާ އަށް ދަރިއަކު ލިބުނުކަމުގެ ޚަބަރެވެ.
އަނުޝްކާގެ ފިރިމީހާ އަދި އިންޑިއަން ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓު ކޯލީ ވަނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު، އެ އުފާވެރި ޚަބަރު އެންމެންނާ ހިއްސާ ކޮށްފައެވެ. ނަމަވެސް އެދެމަފިރިން މިވަގުތު ބޭނުން ވަނީ އެމީހުންގެ ކުޑަ އާއިލާއާއެކު އެކަނި ވަގުތުކޮޅެއް ކަމަށް ވެސް ވިރާޓު ބުންޏެވެ.
ނަމަވެސް ފޮޓޯ ހަދަން މޮޅު މީހުންނާއި އިންޑިއާގެ ބައެއް ރިޕޯޓަރުން، އޭގެ އަނެއް ދުވަހު މުޅި އިންޓަނެޓް ފުރާލީ އަނުޝްކާއާއި ވިރާޓުގެ ދަރިފުޅު ކަމަށް ބުނެ ތުއްތު ކުއްޖެއްގެ ފައިތިލައިގެ ފޮޓޯއެއް އާންމު ކުރަމުންނެވެ. އަދި ތުއްތު ކުއްޖެއް އުރައިގެން ހޮސްޕިޓަލެއްގެ އެނދުގައި އަންހެނަކު އިން ފޮޓޯއެއް ވެސް އާންމުކޮށް، އެއީ ވެސް އަނުޝްކާ ކަމުގައި ބުންޏެވެ. ފަހުން އެނގުނީ އެއީ އިޝްތިހާރެއްގެ މަންޒަރެއް ކަމަށާއި އެއީ އަނުޝްކާގެ ފޮޓޯއެއް ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް ކަމަށެވެ.
މީގެ އިތުރުން އެތައް ބަޔަކު ވަނީ އަނުޝްކާ އާއި ވިރާޓުގެ ދަރިއަށް ކިޔާ ނަން ވެސް ކުރިން ހާމަ ކޮށްފައިވާ ކަމަށް ބުނެފައެވެ.
ގިނަ ބެލުންތެރިންގެ އިންތިޒާރަށް ނިމުމެއް ގެންނަމުން އަނުޝްކާ މިއަދު ވަނީ ފިރިމީހާއާއި ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމު ކޮށްފައެވެ.
ދަރިފުޅުގެ މޫނު ހާމަ ކޮށްފައި ނެތް ނަމަވެސް، ފޮޓޯއިން ފެންނަނީ ދަރިފުޅު އުރައިގެން އަނުޝްކާ ހުރި މަންޒަރާއި ދެމަފިރިން ވެސް ވަރަށް އުފަލުން ތިބި މަންޒަރެވެ.

އެފޮޓޯގެ ކެޕްޝަންގައި އަނުޝްކާ ލިޔެފައިވަނީ މީގެ ކުރިން ވެސް އެދެމަފިރިން ދިރިއުޅެމުން ދިޔައީ ވަރަށް އުފަލާ، ހިތްހަމަޖެހުމާ، ލޯތްބާއެކު ކަމަށާއި ނަމަވެސް "ވަމީކާ" އައުމުން ވެސް އެހުރިހާ ކަމެއް އިތުރު ވެފައިވާ ކަމަށެވެ.
"ކަރުނައާއި، ހިނިތުންވުމާ، ހާސްވުން.. މިއީ ކުރިން އަހަރުމެންނަށް ކުޑަ ހިނދުކޮޅަކަށް ތަޖުރިބާ ކުރަން ލިބުނު އިހުސާސްތަކެއް، އެކަމަކު މިހާރު އެހުރިހާކަމެއް ވެސް ވަނީ އިތުރު ވެފަ. ނިންޖެއް އެހާ ނުލިބޭ، އެހެން ނަމަވެސް އަހަރުމެންގެ ހިތްތައް މިވަނީ ވަރަށް ބޮޑަށް ފުރިފަ" އަނުޝްކާ ބުނެފައި ވެއެވެ.