ދުނިޔެ

ރޭޕް ކުރަމުން އެމީހުން ބުނީ، ބޭނުންވަނީ އަހަރުމެން ނެތި ފަނާ ކޮށްލަން ކަމަށް: ޗައިނާގެ މުސްލިމު އަންހެނެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޗައިނާގެ އުއީގަރ މުސްލިމުންނަށް އެޤައުމުގެ ސަރުކާރުން އަނިޔާ އަނިޔާކުރަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. "ހަރުކަށި ފިކުރު" ނައްތާލަން ކަމަށް ބުނެ، ވަކި ކޭމްޕުތަކަކަށް ގެންގޮސް އުއީގަރ މުސްލިމުންނަށް ދިން އެތައް އަނިޔާތަކެއްގެ ވާހަކަ، އެތަނުން ސަލާމަތްވި އެތައް ބަޔަކު ވަނީ ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފައެވެ.

Ads by Sosun Fihaara

ތޫރްސުނޭ ޒިއާވުދުން އަކީ ވެސް އެފަދައިން އެތަނުން އެތައް އަނިޔާތަކަކާ ކުރިމަތިވި އަންހެނެކެވެ. ނަމަވެސް އޭނާއަށް ކުރިމަތިވި އެންމެ ބޮޑު އަނިޔާއަކީ، އެތައް ފަހަރަކު އެތައް ބަޔަކު އައިސް އޭނާ ރޭޕް ކުރުމެވެ.

"އެމީހުން ތިބީ މާސްކު އަޅާފަ. އެއީ ކޮވިޑްގެ ބަލިމަޑުކަން ފެށުމުގެ ވެސް މާކުރިން. އެމީހުން ތިބީ ޔުނީފޯމަކު ވެސް ނޫން. ކޮންމެ ރެއަކު އަހަރުމެން (އަންހެނުން ނިދަން ތިބޭ ތަނަށް) އައިސް އެމީހުން ބޭނުންވާ އަންހެނަކު ހޮވައިގެން، ސީސީޓީވީ ކެމެރާވެސް ނުހުންނަ ކޮރިޑޯއަކުން، އަނދިރި ކޮޓަރިއަކަށް ގެންދޭ. އެތަނުގައި އެމީހުން އަހަރުމެން ރޭޕް ކުރޭ. އަހަރެން ވެސް އެތައް ފަހަރަކު ރޭޕް ކުރި. އެއަނިޔާގެ ލަކުނު ދުވަހަކު ވެސް ނުފިލާނެ" ތޫރްސުނޭ ކިޔައިދީފައި ވެއެވެ.

ޗައިނާގެ ޒިންޖަންގް ރީޖަންގައި ހަދާފައި ހުންނަ އެ ކޭމްޕުގައި ތޫރްސުނޭއަށް ނުވަ މަސް ހޭދަ ކުރަން ޖެހުނެވެ. ޗައިނާއިން ބުނެފައި ވަނީ މިކޭމްޕުތަކަކީ މުސްލިމު "ހަރުކަށި ފިކުރު" ނައްތާލުމަށާއި އުއީގަރ މުސްލިމުންނަށް ތައުލީމު އުނގަންނައިދޭ ކޭމްޕެއް ކަމަށެވެ.

އެތަނުގައި މުސްލިމުންނާމެދު ލާއިންސާނީ ޢަމަލުތައް ހިންގާކަން ދުނިޔޭގެ ސަމާލުކަމަށް އެތައް ފަހަރަކު އައިސްފައިވީ ނަމަވެސް، ހިތާމައަކީ މުޅި ދުނިޔެ ވެސް އެކަމަށް ބީރު ކަންފަތެއް އަދި ކަނު ލޮލެއް ދީފައިވާ ކަމެެވެ.

"ރޭޕް ކުރަމުން އެމީހުން ބުނީ، އެމީހުން ބޭނުންވަނީ އަހަރުމެން (މުސްލިމުން) ނެތި ފަނާ ކޮށްލަން ކަމަށް" ތޫރްސުނޭ ބުންޏެވެ.

Ads by Allied Insurance
  1. ފާތުން

    ޔާ ﷲ މި ނުބާނުލަފާ މީހުންގެ މަޗަށް ކޯފާ އެއް ފޮނުވާންދޭ…. އާމީން