ޑޮކްޓަރު މަރާލާނެކަމަށް ބުނި މީހަކު 116،700 ރުފިޔާގެ ޖޫރިމަނާއެއް ކޮށްފި

ތަދުކަނޑުވާ އިންޖަކްޝަން ޖަހައިނުދީގެން ޑޮކްޓަރު މަރާލާނެކަމަށް ބުނި މީހާއަށް 116،700 ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓުން އިއްވައިފިއެވެ.
އެ މައްސަލައިގައި ބިރު ދެއްކުމުގެ ދެ ދައުވާ ސާބިތުބީ އދ. އޮމަދޫ/ ސްޓެއްލާ، އަހުމަދު ނާފިއުގެ މައްޗަށެވެ. އެއީ ޑޮކްޓަރު މަރާލާނެކަމުގެ އިންޒާރު ދިނުމާއި އަދި ފުލުހުން ސިއްހީ މަރުކަޒަށް ދިނުމަށް ފުލުހުންގެ މަރުކަޒުގައި ރޯކޮށްލާނެކަމަށް އިންޒާރުދިން މައްސަލައިގައެވެ.
އެ ދެ ދައުވާއާ ގުޅިގެން އޭނާއަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލާން ހުކުމްކުރި ނަމަވެސް ޖޫރިމަނާގެ އަދަބަކަށް ފަހުން ވަނީ ބަދަލުކޮށްފައެވެ. އެއީ ޖުމްލަ 116،700 ރުފިޔާގެ ޖޫރިމަނާއެކެވެ.
އޭގެ ތެރެއިން 4500 ރުފިޔާ ހަތަރު މަސް ތެރޭ އަދި 112،200 ރުފިޔާ އެއް އަހަރުގެ ތެރޭގައި މީރާއަށް ދައްކަން ވަނީ އޮމަދޫ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ޖަލުގެ އަދަބު ޖޫރިމަނާއަށް ބަދަލުކުރީ އޭނާއަކީ ވަޒީފާ އަދާކުރާ މީހަކަށްވެފައި އިސްލާހުވާން ބޭނުންކަމަށް ބުނެ އަދަބުލުއިކޮށްދޭން އެދުމުންނެވެ.






ކޮމެންޓް