ބޮލިދުއްފަރުގައި މުޒާހަރާކުރި ބިދޭސީންތައް ޑީޕޯޓްކޮށްފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮލިދުއްފަރުގައި މުޒާހަރާކުރި ބިދޭސީންތައް ޑީޕޯޓްކޮށްފިއެވެ.
މިދިޔަ މަސް ނިމެން އުޅެނިކޮށް އެތަނުގެ ކޮންސްޓްރަކްޝަން ސައިޓުގައި ބިދޭސީންތަކެއް މުޒާހަރާކުރީ މުސާރަ ނުދޭތާ ހަ މަސްވެފައިވާ ކަމަށް ބުނެއެވެ.
އެ މައްސަލާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ވަނީ އެ ރަށަށް ގޮސް އެ ބިދޭސީންތައް ވަނީ ބޮލިދުއްފަރުން މާލެގެނެސްފައެވެ. އޭގެ ތެރެއިން އެކަކު އަމިއްލައަށް ފުރައިގެން ޤައުމަށް ދިޔައެވެ. ދެން ބާކީ ތިބި މީހުން ވަނީ ފުރަން ދެކޮޅު ހެދުމުން ފުލުހުން ވަނީ އެމީހުން އިމިގްރޭޝަންއާ ހަވާލުކޮށްފައެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ މުޒާހަރާކުރި 21 ބިދޭސީން އެކި ދުވަސް މަތިން މިހާރު ޑީޕޯޓްކޮށް މިހާރު ފުރުވާލައިފައިވާ ކަމަށެވެ. އެ ބިދޭސީން ރަށުން ބާލައި ހިފެހެއްޓުމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އޮތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން މުސާރަ ނުދިނުމުގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
ބޮލިދުއްފަރުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދަނީ ދިވެހި ކުންފުނި އައިމާއިންއެވެ.






ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.