ހަކަތައިގެ ދާއިރާ އިއާދަކުރަނިވި ކުރުމަށް ބައިނަލްއަގުވާމީ އެހީއަށް ރައީސް އެދިވަޑައިގެންފި
ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ކުރާ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް ރައީސް ޑރ. މުއިއްޒު ގޮވާލައްވައިފިއެވެ.
ރާއްޖޭގެ ހަކަތައިގެ ނިޒާމު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަނަތޯލިޔާގައި ކުރިއަށްދާ ކޮޕް-31 ސަމިޓުގެ ހަވާސާގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތެލަށް ބަރޯސާވުމަކީ ތިމާވެށީގެ އިތުރުން ރާއްޖޭގެ އިގުތިސާދަށް ވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާން ޖެހުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަޕްލައި ޗެއިނަށް އަންނަ ލޮޅުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އަމާޒަކީ 2023ވަނަ އަހަރު އިއުލާނުކުރި ފަދައިން، ބޭނުންވާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުންކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމަށްޓަކައި އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށެވެ. ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކަކަށް ވުމުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ބޮޑެތި ގައުމުތަކަށްވުރެ ބޮޑު ހަރަދެއް ހިނގާކަން ވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ހަކަތައިގެ ދާއިރާއަށް ހާއްސަ މަގުޗާޓެއް އެކުލަވައިލާފައިވާކަން ހާމަކުރައްވަމުން، އެ މަގުޗާޓު ތަންފީޒުކުރުމަށްޓަކައި ހެޔޮ އަގުގައި ފައިސާ ލިބޭނެ މަގުތަކާއި، ޓެކްނޮލޮޖީގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކާމިޔާބީ ވަޒަންކުރެވޭނީ ހަމައެކަނި އުންމީދުތަކަކުން ނޫން ކަމަށާއި، އެ އުންމީދުތައް ހަގީގަތަކަށް ހެދޭ މިންވަރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.