ތިނަދޫން މީހަކު ފައްސިވެއްޖެ

ގދ. ތިނަދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ތިނަދޫއިން ފައްސިވެފައި ވަނީ އައްޑޫން އެރަށަށް ދިޔަ މީހެކެވެ.
ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި ފައްސިވި މީހާއަކީ އައްޑޫން ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެކެވެ.
އައްޑޫސިޓީ ގައި ކޮވިޑް-19 ފެތުރެން ފަށާފައި ވަނީ ހާއްސަ ހުއްދައިގެން ދަށުން މާލެ ފުރައިގެން އައްޑޫ އަށް ދިޔަ މީހެއްގެ ފަރާތުންނެވެ.
ހިތަދޫން އިއްޔެ ފުރަތަމަ ފައްސިވީ ކަރަންޓީންގައި ނެތް ދެ މީހެކެވެ. އެ މީހުން ފައްސިކަން އެނގުނީ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެއާޕޯޓުގައި މަސައްކަތް ކުރާ އެ ދެމީހުން ފައްސިވުމާ ގުޅިގެން މިހާރު އެ ސިޓީއަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.
މިހާތަނަށް ހިތަދޫން ތިން މީހުން އަދި ފޭދޫން މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.