އިސްމާއިލް އީސާ: ކޮވިޑް-19 ޖެހި 21 ދުވަހު ވެންޓިލޭޓަރުގައި، މިއަދު ވެކްސިން ޖަހައިފި
ިކޮވިޑް-19 ޖެހި ވެންޓިލޭޓަރުގައި 21 ދުވަސް ވަންދެން އޮތް ދުވަސްވީ މީހަކު މިއަދު ކޮވިޑް ވެކްސިން ޖަހައިފިއެވެ.
އިސްމާއިލް އީސާ ނަމަކަށް ކިޔާ މި ދުވަސްވީ މީހާގެ ވާހަކަ މީސްމީޑިއާގައި ހިއްސާކުރީ ޑޮކްޓަރު މުހައްމަދު އަލީއެވެ.
އިސްމާއިލް އީސާ އަކީ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ކޮވިޑް-19އަށް ފައްސިވެ ހާލު ދެރަވެގެން ވެންޓިލޭޓަރަށް ލެވުނު މީހެކެވެެ. ވެންޓިލޭޓަރުގައި އޭނާ 21 ދުވަސް ވަންދެން އޮންނަން ޖެހުނެވެ.
21 ދުވަހު ވެންޓިލޭޓަރުގައި އޮތުމަށްފަހު އޭނާ ވަނީ މިހާރު މުޅިން ބަލިން ފަސޭހަވެފައެވެ. އަދި މިއަދު އޭނާ ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ.
މީގެ އިތުރުން އޭނާ އަކީ ހަކުރުބަލި ވެސް ހުންނަ މީހެއް ކަމަށާއި މީގެ ކުރިން ސްޓްރޯކެއް ވެސް ޖެހިފައިވާ މީހެއް ކަމަށް އަދި ކިޑްނީގެ ބަލި ވެސް ހުންނަ މީހެއް ކަމަށް ޑރ.މުހައްމަދު އަލީގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ޑރ.މުހައްމަދު އަލީ މި ދުވަސްވީ މީހާގެ ވާހަކަ ހިއްސާކޮށް އާންމުންނާ ވަނީ ސުވާލެއް ކުރައްވާފައެވެ. އެގޮތުން، އިސްމާއިލް އީސާ ފަދަ މީހުން ވެކްސިން ޖަހާނަމަ ވެކްސިނާމެދު ޝައްކު ކުރަންވީ ކީއްވެތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
ޑރ.މުހައްމަދު އަލީ ވަނީ ދުވަސްވީ އިތުރު މީހެއްގެ ވާހަކަ ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން ފާތިމަތު ހުސައިން ނަމަކަށް ކިޔާ މީހެއްގެ ވާހަކަ ހިއްސާކޮށް އޭނާ ބުނެފައި ވަނީ ފާތިމަތަކީ ސެޕްޓެމްބަރު 1ގައި ކޮވިޑް-19އަށް ފައްސިވީ މީހެއް ކަމަށެވެ.
ކޮވިޑް-19 ޖެހި ހާލުދެރަވެ އޭނާ ގިނަ ދުވަސްތަކެއް ވަންދެން އައިސީޔޫގައި އޮތުމަށްފަހު އައިސީޔޫއިން ނެރުނީ 28 ސެޕްޓެމްބަރު 2020ގައެވެ. އަދި ގެެއަށް ފޮނުވާލެވުނީ 12 އޮކްޓޯބަރު 2020ގައެވެ.
އުމުރުން 65 އިން މައްޗަށް ގޮސްފައިވާ މި މީހާ އަކީ ހަކުރު ބަލި ހުރުމުގެ އިތުރަށް ލޭ މައްޗަށް ވެސް ދާ މީހެއް ކަމަށް ޑރ.މުހައްމަދު އަލީ ބުނެފައިވެއެވެ. އޭނާ ވެސް ވަނީ އިއްޔެގެ ވަގުތެއްގައި ކޮވިޑް ވެކްސިން ޖަހާފައެވެ.
ކޮވިޑް-19 ޖެހިފައި ރަނގަޅު ވިޔަސް ވެކްސިން ޖެހުމަކީ އޭނާ ދޭން ބޭނުންވާ މެސެޖު ކަމަށް ޑރ.މުހައްމަދު އަލީ ބުނެއެވެ.