ލައިފްސްޓައިލް

އެކުވެރިޔާއެވެ. އަމިއްލަ ނަފްސަށް ގެއްލުން ނުދޭށެވެ. ތިބާގެ ވާހަކަތައް އަޑުއަހައި އެހީތެރިވާން އަހަރެން މިހުރީއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މަގޭ ލޯބިވާ އެކުވެރިޔާއެވެ. ދަން ޖެހިގެން އަމިއްލައަށް މަރުވާ މީހުންގެ އަދަދު ހާދަހާ އެބަ ގިނަވެއެވެ. ދިިރިއުޅުމުގައި ދަތި އުނދަގޫ ހާލަތްތަކާ ކުރިމަތިވުމުން އެކަންކަމާ ކެތް ނުކުރެވިގެން އަމިއްލަ ނަފްސަށް އަނިޔާ ކުރާ މީހުން ވެސް ހާދަހާ ގިނަ ވެއްޖެއެވެ. އެފަދަ މީހުންގެ ހާލަތާ މެދު ވިސްނާ ފިކުރު ކޮށްލުމުން ހިތަށް ހާދަހާ އަސަރު ކުރެއެވެ.

އަމިއްލައަށް މީހަކު މަރުވި ވާހަކަ އަޑު އިވުމުން އެ ހާލަތަށް އޭނާ ދިޔައީ ކީއްވެތޯ ހިތާހިތާ ސުވާލު ކުރެވެއެވެ. އަމިއްލައަށް މަރުވީ ކީއްވެތޯ ޝަކުވާ ކުރެވެއެވެ. އެމީހަކާ ހާދަ ވާހަކަ ދައްކާލެވުނު ނަމައޭ ހިތަށް އަރައެވެ. އެމީހެއްގެ ހިތުގައި އުފެދިފައިވާ އުދާސްތައް ހާދަހާ އަޑުއަހާލާ ހިތްވެއެވެ. އެމީހަކަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭން ނަފްސު ފެން ބޮވައިގަނެއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނޯވެއެވެ. އެމީހަކު އަހަރެމެންގެ ލޯ ކުރިމައްޗަކު މިއަދަކު ފެންްނާކަށް ނެތެވެ. އެ ފަކީރު އަހަރެމެންނާ ވަކިވެގެން އެ ދިޔައީ ކިހާ ހާލެއްގައި އުޅެފައި ކަމެއް ވެސް ނޭނގެއެވެ.

ލޯބިވާ އެކުވެރިޔާއެވެ. އަހަންނަށް ތިބާ އެފަދަ ކަމެއް ކޮށްގެން އުޅޭ ވާހަކަ އަޑު އިވޭ ދުވަހަކީ އަހަރެން ވަރަށް ދެރަވާނެ ދުވަހެކެވެ. އަހަރެން ވަރަށް ހިތާމަ ކުރާނެ ދުވަހެކެވެ. އަހަރެން ވަރަށް ލަދުވެސް ގަންނާނެ ދުވަހެކެވެ. ދިރިއުޅުމުގައި ތަފާތު އެކިކަހަލަ ކަންކަމާ ކުރިމަތިލާން ޖެހޭނެއެވެ. ދަތި އުނދަގޫ ހާލަތްތައް ބައްދަލު ކުރާނެއެވެ. ހަތަރު އުދަރެސް ފެނު ޖެހި ގޮތް ހުސްވާހެން ހީވާ ފަހަރުތައް ވެސް އަންނާނެއެވެ.

ބައެއް ފަހަރަށް ކުރެވޭ ފާފައެއްގެ ސަބަބުން ވެސް ހިތް ނުތަނަވަސްވެ ދިރިއުޅުމާމެދު އުއްމީދު ކެނޑެއެވެ.މުޖުތަމައުން ތިމާ ބަލައިގަންނާނީ ކޮން ގޮތަކަށްތޯ ވިސްނެއެވެ. ތިމަންނާ އަކީ ފާފަތަކުގެ ތަންމަތީގައި ނިދާ މީހެކޭ ހިތަށް އަރައި އެ ތަންމަތިން ނުތެދުވެވޭނެ ކަމަށް ހީކުރެވެއެވެ. އެގޮތަށް ދިރިއުޅުމާމެދު އުއްމީދު ކެނޑުމުން ދެން އަރައިގަންނަނީ އަނެއްކާ ވެސް ފާފަ އަކަށެވެ. އެ ފާފައަށްވުރެ ބޮޑު ފާފަ އަކަށެވެ. އެކަމުން "މިންޖު" ވުމަށޭ ހިތާއެވެ.

މަގޭ ލޯބިވާ އެކުވެރިޔާއެވެ. ދިރިއުޅުމުގައި ކުށް ވެސް ކުރެވޭނެއެވެ. ބައެއް ފަހަރަށް ދުނިޔޭގެ ދަޅަތަކަށް ހެއްލި ބޮޑެތި ފާފަތަކަށް ވެސް އަރައިގަނެވިދާނެއެވެ. އެހެން ނަމަވެސް ތިބާގެ ހަށީގައި ފުރާނަ ހުރިހާ ދުވަހަކު އަދިވެސް ފުރުސަތު އެބައޮތެވެ. ހައްލަކީ އަމިއްލަ ނަފްސަށް އަނިޔާކޮށް އަމިއްލައަށް މަރުވުން ކަމަށް ހީކުރަނީ ހެެއްޔެވެ؟ ތިޔަ ކުރެވެނީ ވަރަށް ބޮޑު ކުށްހީއެކެވެ. އަވަހަށް ﷲ ތަޢާލާގެ ހަޒްރަތަށް ކުއްތަން ވާށެވެ. އެކަލާނގެ ހަޒްރަތަށް ތައުބާ ވާށެވެ. ހާސް ފަހަރު ފާފަ ކުރެވިފައި ވީ ނަމަވެސް އެކަލާނގެ ހަޒްރަތަށް ރުޖޫޢަވާން ފަސް ނުޖެހޭށެވެ.

އެކުވެރިޔާއެވެ. ތިބާގެ ވާހަކަތައް އަޑުއަހަން އަހަރެން އަބަދުވެސް ތައްޔާރަށް ހުރީމެވެ. އެހެން ނަމަވެސް ކުރެވޭ ކުށްފާފަ ތަކުގެ ވާހަކަ މީހުންގެ ގާތުގައި ދެއްކުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ. އެހެން ކަމުން އެވާހަތައް އަހަރެންނާ ހިއްސާ ކުރާކަށް އަހަރެން ނޭދޭނަމެވެ. އެހެން ނަމަވެސް އެފަދަ ހާލަތްތަކުގައި ވެސް ބޭޤަރާރުވެ ކަންބޮޑުވާ ނަމަ الله ތަޢާލާގެ މަދަދަށް އެދި ދަންނަވާށެވެ. އެކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.

މަގޭ އެންމެ ގާތް މިތުރާއެެވެ. ދަތި އުނދަގޫ ހާލަތެއް ދިމާވުމުން އަމިއްލަ ހިތުުގައި އެކަން ފޮރުވައިގެން ނުހުންނާށެވެ. ދިރިއުޅުމުގެ ކަންކަން ހިއްސާ ކުރާށެވެ. ތިބާގެ ހިތަށް ވެސް ތަސައްލީއެއް ލިބޭނީ އެހެން މީހަކާ އެވާހަކަތައް ހިއްސާ ކޮށްލުމުންނެވެ. ނޫން ނަމަ ހަދާނެ ގޮތް ހުސްވެ ކަންބޮޑުވެ ފާފައަކަށް އަރައިގަނެވިދާނެއެވެ. ޝައިތާނާ ހުންނާނީ އަހަރެމެންގެ ނަފްސު ބަލިކަށިވާނެ ވަގުތަކަށް ބަލައިގެންނެވެ. އަހަރެމެންނަށް ކުށްތަކަށް އަރައިގަތުމަށް ދައުވަތު ދެވޭނޭ މަގެއް ނުފެނިފައެވެ.

އެކުވެރިޔާއެވެ. އާދޭސް ކޮށްފައި ބުނަމެވެ. ދިރިއުޅުމުގައި ކޮންމެ ކަމަކާއި ކުރިމަތި ވިޔަސް އަމިއްލަ ނަފްސަށް އަނިޔާ ކުރަން ހިތަށް ވެސް ނާރުވާށެވެ. އެއީ ހާދަހާވާ ނުބައިކަން ބޮޑު ފާފައެކެވެ. ތިބާއަށް ދަތި އުނދަގޫ ހާލަތްތަކާ ކުރިމަތިވުމުން އަހަރެންނާ އެވާހަކަތައް ހިއްސާ ކުރާށެވެ. ތިބާގެ ވާހަކަތައް އުފަލުން އަޑު އަހާނެ އެކުވެރިއަކަށް އަހަރެން ވާނަމެވެ. އަދި ތިބާގެ މަދަދުވެރިއެއްގެ ގޮތުގައި ދެމި ހުންނާނަމެވެ.

އަމިއްލަ ނަފްސަށް އަނިޔާ ކޮށް އަމިއްލައަށް މަރުވުމަކީ އެއްވެސް ކަމެއްގެ ހައްލު ނޫން ކަން ދަންނާށެވެ. މި ނޫނަސް ހަޔާތެއް އޮތްކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!