އަޝްފާގާއި އަކޫއަށް ޙައްޤަކާ ނުލައި އެއްޗިހި ކިޔާނީ ވަރަށް ގޮތް ކުޑަ މީހެއް: ޝައިޚް ޝަފީޢު
ގައުމީ ފުޓްބޯޅަ ކެޕްޓަނުން ކަމަށްވާ ޢަލީ އަޝްފާޤާއި އަކްރަމް ޢަބުދުލްޣަނީއަށް އެއްވެސް ޙައްޤަކާ ނުލައި އެއްޗެހި ކިޔައި ބުރުސޫރައަށް އާޑަ ކިޔާނީ ވަރަށް ގޮތް ކުޑަ މީހެއް ކަމަށް ޝައިޚް ޝަފީޢު ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
ގައުމު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤާއި ރަން ކެޕްޓަން އަކުރަމްގެ ތުނބުޅިއަށް މަލާމާތް ކޮށް މީހަކު ޓްވީޓްކޮށްފައިވާ މި ދަނޑިވަޅުގައި ޝައިޚް ވިދާޅުވީ ދިވެހި ލޭ ހިނގާ ދަރިއެއް އެފަދަ ކަމެއް ނުކުރާނެ ކަމަށާއި ދީނީ ގޮތުން ވެސް އެއްވެސް ޙައްޤަކާ ނުލައި މީހުންގެ ބުރުސޫރައަށް އާޑަކިޔުމަކީ ޙަރާމް ކަމެއް ކަމަށެވެ.
ދިވެހީންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އަޝްފާގާއި އަކޫއަށް މަލާމާތްކޮށް ޓްވީޓް ކޮށްފައި ވަނީ ސޫޒަން އިބްރާހީމް ކިޔާ މީހެކެވެ. އަޝްފާގާއި އަކޫގެ ފޮޓޯ ހިމަނައި އޭނާ ބުނެފައި ވަަނީ ސީރިއާއަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަލަން މީހަކު ދާނެތޯ އޭނާ ގާތު ރައްޓެއްސަކު ސުވާލު ކުރި ކަމަށެވެ. އަދި ޓީމް ބަލިވެއްޖިއްޔާ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އޭނާގެ ރައްޓެއްސަކު ބުނި ކަމަށް ވެސް ޓްވީޓްގައި ބުނެފައިވެއެވެ.
މި ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ މީހުން ދަނީ އަޝްފާގާއި އަކޫގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. އެގޮތުން ފުޓްބޯޅައިގެ ގައުމީ އިދާރާ އެފްއޭއެމުން ވެސް ވަނީ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޔޫތު މިނިސްޓަރ މަޙްލޫފް ވެސް ވަނީ އެ ދެކުޅުންތެރިންނަކީ ބަތަލުން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މީސްމީޑިއާގެ އެކި މަންސަތަކުގައި ވެސް މިއަދު ވައިރަލް ވަމުން ދަނީ އަޝްފާގާއި އަކޫގެ ފޮޓޯތަކެވެ.