ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހުޅުމާލޭން ހައްޔަރުކޮށްފި
ހުޅުމާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއެކު ތިން މީހަކު ހައްޔަރު ކޮށްފިއެވެ.
ހުޅުމާލޭގައި ހަރަކާތްތެރިވާ ޕަބްލިކް ސޭފްޓީ އެންޑް ރެސްޕޮންޑް ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނާއި ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ ދެއޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިތިން މީހުންގެ ތެރެއިން 28 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ފޭސް ދެއަކުން ގިނަ އަދަދެއްގެ ބަނގުރާ އަރުވައިގެން ވޭނެއް ހުޅުމާލެ ހިތިގަސްމަގުން ދުއްވާފައި ދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުރޭ 22:06 އެހާކަންހާއިރުއެވެ. އަދި އެމީހާ ދުއްވި ވޭން ހުއްޓުވައި، ބަލައި ފާސްކުރިއިރު އެކި ބްރޭންޑްތަކުގެ 45 ފުޅި ބަނގުރަލާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި 13 ޕެކެޓް ފެނިފައިވެއެވެ.
22 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ ބަނގުރާ ފުޅިތަކެއް ހުރި ފޮށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެރޭ 20:20 އެހާކަންހާއިރު ހުޅުމާލެ މެރީނާވިއު ރެސިޑެންސް ބިލްޑިންގ ކައިރިންނެވެ. އަދި ސައިކަލްގައި ތިބި ދެމީހުން ހުއްޓުވައި، ސައިކަލް ފަހަތުގައި އިން 19 އަހަރުގެ މީހާ ހިފަހައްޓައިގެން އިން ދެ ފޮށިގަނޑު ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނިފައިވެއެވެ.
މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަތައް ހުޅުމާލެ ޕޮލިހުން ދަނީ ތަހުގީގު ކުރަމުންނެވެ.