ދަށުން މާކްސް ލިބުނު ސިވިލް ސާވެންޓުންގެ ފްލެޓްތައް އަތުލަނީ

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ފްލެޓްތައް ލިބުނު ސިވިލް ސާވަންޓުންގެ ތެރެއިން މާ ދަށުން މާކްސް ލިބިފައިވާ ފަރާތްތަކުގެ ފްލެޓް އަތުލަން ނިންމާފައިވާ ކަަމަށް ސަރުކާރުން ބުނެފިއެވެ.
މިކަން އިއުލާނުކޮށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ 50 ޕަސެންޓްގެ ދަށުން މާކްސް ލިބޭ އެއްވެސް ފަރާތަކަށް ސިވިލް ސާވިސް ވެސް ހިމެނޭގޮތަށް މި މަޝްރޫއުގެ ދަށުން ފްލެޓެއް ނުދޭނެ ކަަމަށެވެ.
އަސްލަމް ވިދާޅުވީ 12 މާކްސް، 14 މާކްސް ބައެއް އޮފީސްތަކުގެ ބައެއް ގިންތީގެ މީހުންނަށް ލިބިފައި ހުރިކަން ފާހަގަ ވެފައިވާ ކަމަށެެވެ.
"އެކަން ބައެއް ފަރާތްތަކުގެ ޝަކުވާއެއްގެ ގޮތުގައި ވެސް، ވަކި މީހެއްގެ މައްސަލައެއް ނޫން. އެހެންނަމަވެސް ޝަކުވާއެއްގެ ގޮތުގައި އަންނަން ފެށީމަ އިއްޔެ އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުން ނިންމާފަ ވާނެ 50 ޕަސެންޓުން ދަށުން މާކްސް ލިބޭ އެއްވެސް ފަރާތަކަށް، އެއީ ސިވިލް ސާވިސް ވެސް ހިމެނޭ ގޮތަށް، އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މި މަޝްރޫއުގެ ދަށުން ފްލެޓެއް ނުދެވޭނެ ކަމަށް،" އަސްލަމް ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އާންމު ކޮށްފައި ވާއިރު ލިސްޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ.