ކޮވިޑް-19: މިއަދު ރާއްޖެއިން 142 މީހުން ފައްސިވި

ކޮވިޑް-19 އަށް ރާއްޖެއިން މިއަ ދު އިތުރު 142 މީހުން ފައްސި ވެއްޖެއެވެ. އަދި 135 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 129 މީހުންނާއި، އަތޮޅުތެރެއިން 6 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 5 މީހަކާއި ކަނޑުމަތީ އުޅަނދުތަކުން 2 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 18،224 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 15،768 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 58 އެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 171 މީހުންނެވެ.
ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 475،790 ސާމްޕަލް ނަގައިފިއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް އަނެއްކާވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
އެހެންކަމުން އެޗްޕީއޭ އިން އަނެއްކާވެސް ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކޮށްފައިވާއިރު ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް ބޭރުގައި އުޅުން ވެސް މަނަލެވެ. އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު މާސްކު އެޅުންވެސް ވަނީ މަޖުބޫރު ކޮށްފައެވެ.