ޚަބަރު

ތިމަރަފުށީގައި ހަމަލާދޭން އުޅުނު އެންމެން ޝަރީއަތް ނިމެންދެން ބަންދަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރުގެ އަމަލުތަކެއް ހިންގަން އުޅުނު ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

Ads by STELCO

ތ. ތިމަރަފުށީ ދޯންޏަކުންނާއި އެ ރަށުން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން ހާމަ ކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މިމައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައިވާ 8 މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްއާއި، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުއާއި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުއާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދުއާއި، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުއާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްއާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠުއާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދެވެ.

ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން އޮޕަރޭޓް ކުރާ ކަމަށް ބުނާ "ނަސާހް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ތައްޔާރު ކުރުމަށް ފަހު އައިއީޑީ ގޮއްވާލައި ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ކުރުވުމަށް އެ މީހުން ތައްޔާރު ވަމުން ދިޔަ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ. ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެ އައިއީޑީ ގޮއްވާލަން ރޭވީ، ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލުގެ ލެބޯޓަރީގައި ކަމަށެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލާ ގާޟީ ވިދާޅުވީ މި މީހުންނާއި ދެކޮޅަށް މިހާތަނަށް ހުށައަޅާފައިވާ ހެއްކިތަކަށް ބެލުމުން މި މީހުން ދޫކޮށްލައިފި ނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ޤަބޫލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!