އައްޒަ އާއި މުއާގެ ކައިވެންޏަށް އަަހަރެއް: ލޯތްބަށް ބަދަލެއް ނާދޭ، ކޮންމެ ދުވަހަކީ އުފާވެރި ދުވަހެއް!
މިއަދަކީ ރާއްޖޭގެ މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށްވާ މަރިޔަމް އައްޒަ އަދި ޢަބްދުﷲ މުއާޒް އަށް ވަރަށް އުފާވެރި ދުވަހެކެވެ.
މިއަދަކީ މުއާ އާއި އައްޒަގެ ކައިވެންޏަށް އެއް އަަހަރު ފުރުނު ދުވަހެވެ. ކައިވެނީގެ މަތިވެރި ގުޅުމުގެ ގޮށް އެދެމަފިރިން ޖަހާފައި ވަނީ 20-02-20 ގައެވެ. އަދި އެއަށްފަހު ރަސްމީކޮށް "މުއައްޒަ" އަށް ވެސްވީ ދުވަހެވެ.
ރާއްޖޭގެ ފިލްމީތަރިންގެ ތެރެއިން އައްޒަ އަކީ ހަމަޔަގީނުން ވެސް އެތައް ބައެއްގެ ލޯބި ލިބިފައިވާ ހުނަރުވެރި ފަންނާނެކެވެ. އެންމެންނާ ވެސް އޭނާ ގެންގުޅޭ އެކުވެރި އޯގާތެރި މިޒާޖުގެ ސަބަބުން ވެސް އޭނާގެ ފޭން ބޭސް ވަރަށް ވަރުގަދައެވެ. ކުރިން ކައިވެންޏެއްކޮށް އެކައިވެނި ރޫޅުނު ފަހުން އެތައް އަހަރެއް "ސިންގަލްކޮށް" އައްޒަ ހޭދަކުރީ، ހުރި ހަމައެކަނި ދަރިފުޅަށް ބޭނުންވާ ކަންކަން ރަނގަޅަށް ކޮށްދިނުމުގައި، ހީވާގި އެކަނިވެރި މައެއްގެ ގޮތުގައެވެ.
އައްޒަ ފަދައިން މުއާ ވެސް ކުރިން ކައިވެންޏެއްކޮށް، އެކައިވެނި ރޫޅުމަށްފަހު ދެން ވަގުތުތައް ހުސްކޮށްލީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ކަންކަން ފުރިހަމަ ކުރުމަށެވެ. އެދަރިފުޅާ ދުރުގައި ދިރިއުޅެން ޖެހުނު ނަމަވެސް މުއާ އޭނާގެ ވާޖިބުތައް އަދާ ކުރުމުގައި ފަސްނުޖެހޭކަން މީގެ ކުރިން "ދެން" އަށް ދިން އިންޓަވިއު އެއްގައި އައްޒަ ވެސް ވަނީ ކިޔައިދީފައެވެ.
"މުއާ އަކީ ހަގީގަތުގައި ވަރަށް ރަނގަޅު މީހެއް. ކަމުދާ ބައިވަރު ސިފަތައް އެބަހުރި. އޭގެ ތެރެއިން ވެސް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވޭ މުއާގެ ޒިންމާދާރުކަން. އެއްވެސް ކަމެއްގައި މުއާ އަށް ހަނދާން ކޮށްދޭކަށް ނުޖެހޭ. މިހާރު ވިލިމާލޭގައި އުޅޭއިރު ވެސް ރޫބީ (މުއާގެ ދަރިފުޅު) ގެ ހުރިހާ ކަމެއްގައި ވެސް ވަރުބަލި ކަމެއް ނެތި އަބަދުވެސް އުޅޭނެ. އޭގެއިތުރުން އީތަން (އައްޒަގެ ދަރިފުޅު) ގެ ކަމެއް އޮތިއްޔާ ވެސް، އައްޒައަށްވުރެ ބޮޑަށް މުއާ އެކަމެއް ހަނދާން ހުންނާނެ. އެހެންވެ މިހާރު އީތަން އަށް ވެސް މުއާ އިންނަނީ ވަަރަށް މުހިންމުވެފަ" އައްޒަ ބުންޏެވެ.
މީގެ އިތުުރުން އައްޒަ ބުނީ މުއާ އާއި ކައިވެނި ކުރިފަހުން އެއާއިލާ ވެސް ވަރަށް އުފާވެރި ވެއްޖެ ކަމަށެވެ.
"މުއާ ނުހުންނާނެ އެއްވެސް މީހަކާއި ނުގުޅިއެއް. އެންމެންނާ ވެސް ގުޅޭނެ. މަންމަމެންނާ އެކީ ސަކަރާތް ވެސް ޖަހާ އެކި ގޭމު ތައް ވެސް ކުޅުމުގައި ބައިވެރިވާނެ. ގޭތެރޭގައި މިސާލަކަށް މަރާމާތުގެ ކަމެއް ކުރަން އިނަސް، މުއާ ކައިރީ ނުޖެހޭނެ ބުނާކަށް. އޭނަ އަމިއްލައަށް ފެނިގެން ކުރާތީ މަންމަމެން ވެސް އެކަން ފާހަގަ ކުރޭ. މިހާރު މަންމަމެންނަށް ވެސް މުއާ ވަރަށް ކަމުދޭ. އާއިލާ ވަރަށް އުފާވެރިވެ، ގުޅިގެން އުޅުން ގިނަ ވެއްޖެ ކައިވެންޏަށް ފަހު" އުފަލާއެކު އައްޒަ ބުންޏެވެ.
އައްޒަ ބުނީ މުއާ އާއި ދިމާވުމުގެ ކުރިން އޭނަ ހުރީ ދިރިއުޅުމުގައި ވަރަށް އެހެން ކަހަލަ ހާލަތެއްގައި ކަމަށާއި ވަރަށް ގިނަ ކަންކަމާ ވެސް ކުރިމަތިލަމުން އޭނާ ދިޔަ ކަމަށެވެ.
"ބުނެވިދާނެ އައްޒަ ހުރީ ވަަރަށް ބޮޑަށް ޑެމޭޖު ވެފައޭ. އެކަމަކު މުއާ އާއި ވާހަކަ ދައްކަން ފަށާ، ކަންކަމާއި ކުރިމަތިލާންވީ ގޮތް ވެސް ދަސްވާން ފެށި. މުއާ ކިޔައިދިން ކަމެއް ކުރިމަތިވުމުން އެކަމަކުން އަމިއްލައަށް އަރައިގަނެވިދާނެ ގޮތް. އެވަރަށް ހިތްވަރުލައިދިން. އަޒުމް ވަރުގަދަ ކުރުވި." އައްޒަ ބުންޏެވެ.
އައްޒައާ ބެހޭގޮތުން މުއާ ވެސް ބުނެފައި ވަނީ ހުސް ތައުރީފުގެ ބަސްތަކެވެ. މުއާ ބުނި ގޮތުގައި އައްޒަ އަކީ ހަމަ އެންމެ "ބެސްޓު" އެވެ.
އަހަންނާއި އަހަރުމެންގެ ދަރިންނަށް ހަމަ ލިބިފައިވާ ޖަވާހިރެއް އެއީ. އަނތްބެއްގެ ގޮތުންނާއި މައެއްގެ ގޮތުން ވެސް. އަހަރެން ދެކެނީ އަހަންނަކީ ނަސީބުވެރިއެއް ގޮތުގައި އައްޒަ ލިބުމަށްފަހު" މުއާ ބުންޏެވެ.
މުއާ ބުނީ ކައިވެނި ކުރީ ދެމީހުންގެ ދިރިއުޅުމުގައި ވެސް ކުރިން ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވެފައި ވުމުން ވަރަށް ގިނަ ކަންތައްތަކަކާއި ވިސްނާފައި، ވަަރަށް ގިނަ ބަދަލުތަކަކާއެކު، އައްޒަ އާއެކު ދިރިއުޅުމުގެ ބާކީ ބައި އުޅެވޭނެ ކަމުގެ ޔަގީންކަން ފުރިހަމަ އަށް ލިބުމުން ކަމަށެވެ.
އައްޒަ އާއި މުއާއަކީ ލޯބީގޭ ގޮތުން ގުޅުނު ދުވަހުން ފެށިގެން، ކައިވެނިކޮށް، މިއަދާ ހަމައަށްވެސް ވަރަށް ލޯބިން އެކުއެކީގައި އުޅޭ ދެމަފިރިންކަން އުފަލާއެކު ފާހަގަ ކުރެވެއެވެ.
"ދެން" ގެ ފަރާތުން އައްޒަ އާއި މުއާއަށް ވަރަށް އުފާވެރި އަދި ބާއްޖަވެރި ކައިވެންޏަކަށް ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެދެމެވެ. މާތް ﷲ ތިޔަ ކައިވެނީގައި ބަރަކާތްލައްވާ، ސީދާ ވެގެންވާ ތެދުމަގު ދައްކަވާ އަދި ތިޔަ ދެމަފިރިންނަށް ދެ ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވާށި. އާމީން