ދިރިއުޅުމުގައި ހޯދަން އެންމެ އުނދަގޫ އެއްޗަކީ ވަފާތެރި ރަހުމަތްތެރިއެކެވެ. އެފަދަ މީހަކު ބީވެގެންދާ ފަދަ ކަމެއް ނުކުރާށެވެ.

ދެ ދުނިޔޭގައި ވެސް ތިބާއަށް ފަލާހާއި ކާމިޔާބަށް އެދޭ ރަހުމަތްތެރިއަކު ތިބާއަށް ދިރިއުޅުމުގައި ލިބުމަކީ ވަރަށް ބޮޑު ނަސީބެކެވެ. ވަފާތެރި، ތެދުވެރި ރަހުމަތްތެރިއަކު ހޯދުމަކީ ދިރިއުޅުމުގައި އެންމެ އުނދަގޫ އެއް ކަންތަކެވެ. އެފަދަ މީހުންނަކީ ހާއްސަކޮށް މި ޒަމާނުގައި ވަރަށް ވެސް މަދު ބައެކެވެ. އެފަދަ މީހަކު ތިބާގެ ދިރިއުޅުމުގައި ވާ ނަމަ އެކަމާ ޝުކުރުވެރިވާން ދަސްކުރާށެވެ.
އެކަމާ މެދު ޝުކުރުވެރިވުމަކީ އޭނާގެ އުފަން ދުވަހު އޭނާއަށް ހަދިޔާތަކެއް ދިނުމެއް ނޫނެވެ. ނުވަތަ ވަކި ހާއްސަ ދުވަހެއްގައި އޭނާގެ އަގުވަޒަން ކުރުމެއް ވެސް ނުމެ ނޫންމެއެވެ. އެއީ އެ ރަހުމަތްތެރިޔާ ތިބާގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ދުވަހު އޭނާއަށް ޓަކައި ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމެވެ. އޭނާއަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތިވުމުން އޭނާއަށް ހިތްވަރު ދިނުމުގައި ދެމިހުރުމެެވެ. އޭނާގެ އުފަލުގައި ބައިވެރިވާ ފަދައިން އޭނާގެ ހިތާމައިގައި ވެސް ތިބާ ބައިވެރިވުމެވެ.
މިއަދު ތިބާއަށް ލިބިފައިވާ މި އަގުހުރި ނިއުމަތާމެދު ތިބާ އިހްމާލު ވެއްޖެ ނަމަ މާދަމާ ހިތާމަ ކުރަން ޖެހިދާނެެއެވެ. ތިބާއަށް މިއަދު އޭނާ ކުރަމުންދާ އިތުބާރު ގެއްލޭފަދަ ކަމެއް މާދަމާ ކޮށްފިނަމަ ތިބާ އެކަމާ ފަހުން ދެރަވާނެއެވެ. އަދި އޭނާ ބީވެގެންދާ ފަދަ ކަމެއް ކޮށްފިނަމަ އެކަަމާ މުޅި އުމުރަށް ހިތާމަ ކުރަން ޖެހިދާނެއެވެ.
މިއަދު އެފަދަ ރަހުމަތްތެރިއެއް ލިބިފައިވާނަމަ އޭނާގެ އަގުވަޒަން ކުރަން ދަސްކުރާށެވެ. އޭނާއަށް ދަތި އުނދަގޫ ހާލަތެއް ކުރިމަތިވުމުން ގެއްލޭ މީހަކަށް ތިބާ ނުވާށެވެ. އެފަދަ ރަހުމަތްތެރިއަކު ބީވެގެންދާ ފަދަ ކަމެެއް ނުކުރާށެވެ.