ޚަބަރު

މޮރޮކޯ އަންހެން ކުދިންނާ ކައިވެނި ކުރެވޭނެ ކަމަށް ބުނާ ޕޯސްޓާ ބެހޭ މައްސަލަ ފުލުހުން ބަލަނީ!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މޮރޮކޯއިން ކައިވެނިކުރަން އަންހެން ކުދިން ގެނެސްދޭނެ ކަމަށް ބުނެ ފޭސްބުކްގައި ދައުރުވަމުން ދިޔަ ފޭސްބުކް ޕޯސްޓުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

ރޭ މީސްމީޑިއާގައި ދައުރުވި ޕޯސްޓުގައި 2،500 ޑޮލަރު ނުވަތަ 43،700ރ. އަށް މޮރޮކޯ އަންހެނުން ހޯދައިދޭނެ ކަމަށާއި އެ ޕެކޭޖުގެ ދަށުން ލިބޭ ހިދުމަތްތައް ވެސް ފާހަގަ ކޮށްފައި ހުރިއެވެ. އަދި މި ޕޯސްޓުގައި ގުޅޭނެ ނަންބަރެއްގެ ގޮތުގައި ޖަހައިފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒްގެ ނަންބަރެވެ.

މިކަމާ ގުޅިގެން މަބްރޫކުގެ މޯބައިލް ފޯނަށް ރޭ އެކަނި ވެސް 80 އަށް ވުރެ ގިނަ މިސްކޯލު އައިސްފައިވާ ކަމަށާއި، އެންމެ ފަހުން މަބްރޫކަށް ޖެހުނީ ފޯނު ނިއްވާލަން ކަމުގައި އޭނާ ބުނެެފައި ވެއެވެ. އަދި އެ މައްސަލަ އަކީ ބަޔަކު ސަމާސާއަކަށް ކުރި ނަމަވެސް ވަރަށް ބޮޑު ކަމެއް ކަމަށް ވެސް މަބްރޫކު ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި، ހިއުމަން ޓްރެފިކިންގް އަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ކުރެވޭ މިފަދަ ޕޯސްޓުތަކުގެ މައްސަލަ ތަކަކީ ފުލުހުން އެކަމާ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއް ކަމުގައި ވެސް ފުލުހުން ބުންޏެވެ. މީގެ އިތުރުން މިފަދަ އެއްވެސް ޕޯސްޓެއް ސޯޝަލް މީޑިއާގެ އެއްވެސް މަންސައެއްގައި ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް ގޮވައިލައިފައެވެ.

ހިއުމަން ޓްރެފިކިންގެ އެންމެ ގޯސް އެއް ގައުމުގެ ގޮތުގައި ރާއްޖެ ފާހަގަވެފައި އޮތްއިރު، ވަޒީފާގެ ނަމުގައި އޮޅުވާލައިގެން ބިދޭސީން ރާއްޖެ ގެނައުމަކީ ބޮޑުވެފައިވާ މައްސަލައެކެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!