ވާހަކަ

އޭ އަހަރެންގެ އުފަން ވަޒަނެވެ. އަދި އެނބުރި އަންނާނަމެވެ. އެކުގައި ތިޔަ ހަނދާންތައް ވާނެއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެހެން ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އިރު ފެނުން ތޮޅިލީ އެކި މީހުންނަށް އެކި މެސެޖުތައް ދެމުންނެވެ. އެކި މީހުންނަށް އެކި އިހްސާސްތައް ގެނުވަމުންނެވެ. އެކި މީހުންނަށް އެކި ކަންތައްތައް ހަނދާން ކޮށްދެމުންނެވެ. އަހަރެންގެ ދިރިއުޅުމުގައި މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެކެވެ. މިއަދަކީ އަހަރެން ކުޑައިރުއްސުރެ އުޅެ ބޮޑުވި އަހަރެންގެ އުފަން ރަށް ދޫކޮށް އަހަރެން ދާން ޖެހޭ ދުވަހެވެ. އަހަރެން ދާން ބޭނުން ނުވިޔަސް އަހަރެންގެ މުސްތަގުބަަލަށް ޓަކައި މިއަދު ރަށް ދޫކޮށް ދާން އަހަންނަށް މަޖުބޫރެވެ.

Ads by MWSC

މިއަދު އަހަރެންގެ އުފަން ރަށް ދޫކޮށް އަހަރެން ދާން މިއުޅެނީ ރާއްޖޭގެ ވެރި ރަށަށެވެ. ވަޒީފާ އާއި ތައުލީމާއި ތަރުބިއްޔަތުގެ ބަހަނާގައި ކޮންމެ މީހަކު ވެސް ގޮސް ފައިބާ ކޮންކްރީޓް ޖަންގައްޔަށެވެ. އެތަނުގައި ގިނަ ބަޔަކު ގޮސް ހައްޔަރުވާ ނުރައްކާތެރި ޖަލަކަށެވެ. އެހެން ނަމަވެސް އަހަރެން އެތަނުގައި ހައްޔަރުވާކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ އުއްމީދަކީ ކިޔަވާ ނިމުނުހާ އަވަހަކަށް މާލެ ދޫކޮށް ރަަަށަށް ޚިދުމަތް ކުރަން އައުމެވެ.

ހެނދުނު ހޭލައިގެން ވެސް އަހަރެން މިއަދު މިއޮތީ މާޔޫސް ވެފައެވެ. އެނދުން ތެދުވެގެން ތާކަށް ދާ ހިތެއް ވެސް މިއަދަކު ނެތެވެ. ދިރިހުއްޓަސް މަރުވެފައި ހުރި މައްޔިތެކޭ އަހަރެން އެއްފަދައެވެ. އަހަރެން ދެރަވަނީ އަހަރެންގެ އަމިއްލަ ރަށް ދޫކޮށްފައި ދާން ޖެހޭތީ އެކަންޏެއް ނޫނެވެ. ލޯބިވާ މަންމަ އާއި ބައްޕަ އެކަނި ކޮށްފައި ދާން ޖެހޭތީ ވެސްމެއެވެ. އަހަންނަކީ މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިވިއްޔާއެވެ. އެހެން ކަމުން އަހަންނަށް ގެއްލުމެއް ލިބޭ ފަދަ އެއްވެސް ކަމެއް ވާކަށް އެ ދެމީހުން ދުވަހަކު ވެސް ނޭދޭނެއެވެ.

ހެނދުނު ހޭލައިގެން އެތައް އިރެއް ވަންދެން މި ހިޔާލު ތަކުގައި އަހަރެން އޮތީމެވެ. އިރުކޮޅަކުން އިވުނީ މީހަކު އައިސް ދޮރުގައި ޓަކިދޭ އަޑެވެ. ޝައްކެތް ވެސް ނެތެވެ. އެއީ އަހަރެންގެ ލޯބިވާ މަންމައެވެ. އެ އައީ އަހަރެން ސައި ބޯން ނުގޮސް ލަސް ވެގެންނެވެ. މަންމާ މިދަނީއޭ ކިޔާ އަހަރެން ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ.

މޫނު ދޮވެލައި ތާޒާ ވެލައިގެން އަހަރެން ދިޔައީ ކާގެއަށް ސައި ބޯށެވެ. ސައިބޯން އިނދެގެން ވެސް އަހަރެންނަށް ވިސްނެމުން ދިޔައީ މާލެ ދިއުމުން ވާނެ ގޮތަކާ ދޭތެރޭގައެވެ. އަހަރެން މަންމަ އާއި ބައްޕަގެ މަތިން ހަނދާންވާނެ މިންވަރާ ދޭތެރޭގައެވެ. މަންމަ އާއި ބައްޕައާއެކު ހެނދުނުގެ ނާސްތާއަށް އަހަރެން އިންސާފު ކުރަމުން ދިޔައިރު މޭޒުމަތީގައި ހުރީ އަހަރެންނަށް އެންމެ ކަމުދާ ކެއުމެވެ. ފަތް މަސްހުންޏާއި ރޮއްޓެވެ.

އަހަރެންގެ ހިތަށް އެރިއެވެ. މަންމަ އާއި ބައްޕައާ އެކު މިފަދަ ގޮތަަކަށް ހެނދުނުގެ ނާސްތާ ނެގުމުގެ ފުރުސަތު ދެން ލިބޭނީ ކޮން ދުވަހަކުން ބާޥައެވެ. މި ފުރުސަތު އަހަރެންނަށް ދެން ލިބޭނެ ބާވައެވެ. ކޮންމެ ދުވަހަކުމެ މި ސުފުރާމަތީގައި ކެއުމަށް އިންސާފު ކުރަން ތިބެގެން އަހަރެމެން އެތައް ވާހަކައެެއް ދެއްކީމެވެ. އެތައް ސަމާސާއެއް ކުރީމުއެވެ. ހަމަ ޔަގީނުން ވެސް އެ ހަނދާންތައް އަހަރެންގެ ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައި ހުންނާނެއެވެ.

ވަގުތުތައް ފާއިތުވަމުން ދެއެވެ. ހެނދުނުގެ ނާސްތާއަށް ފަހު އަހަރެން ދިޔައީ ރަހުމަތްތެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލާށެވެ. ގެއަށް އައީ މޫދަށް އެރި ގިނަ އިރުތަކެއް ވަންދެން އުޅުމަށް ފަހުއެވެ. އައިސް ފެންވަރާލައިގެން މިސްކިތަށް ދިޔައީ ބައްޕައާ އެކުގައެވެ. އުމުރުން ކިތަންމެ ގިނަ ދުވަހެއް ވި ކަމުގައި ވިޔަސް އެއީ ދުވަހަކު ވެސް ބަދަލު ނުވާ އާދައެެކެވެ. ދެބަފައިން ގޮސް ނަމާދު ކޮށްގެން އައި އިރު މަންމަ ހުރީ ކާން ހަދައިގެން އިންތިޒާރުގައެވެ.

މެންދުރު ކެއުމަށް ވެސް ހުރި އަހަރެންނަށް އެންމެ ކަމުދާ ކެއުމެވެ. ތެލުލި ފަތާއި ބަތާ ރިހާކުރެވެ. ގަރުދިޔަ އާއި ފިހުނުމަހެވެ. ކިރާއި ހަކުރާއި ދޮންކޭލެވެ. ފޮނި އެއްޗަކަށް ހުރީ ބަނބުކެޔޮ ބޮނޑިބަތެވެ. މޫދުގައި އުޅުމުގެ ސަބަބުން ވެފައި ހުރި ވަރުބައްޔާއެކު އަހަރެން ކާން ފެށީމެވެ. އެ މަންޒަރު ބަލަން އަހަރެންގެ މަންމަ ހުރީ ހިނިތުންވެފައެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު އަހަރެންގެ ގާތުގައި ކާ އެއްޗެހި މީރުތޯ ސުވާލު ކޮށްލިއެވެ. އެހެން ނަމަވެސް މަންމަގެ އަޑުގައި ފޮރުވާފައިވާ ތަދާއި ވޭން އަހަރެންނަށް ވަރަށް ރަނގަޅަށް ސާފު ވިއެވެ. އަހަރެން ދާތީ މަންމަ ދެރަވެފައި ހުރި ވަރު އަހަންނަށް އެނގެއެވެ.

އަހަރެންގެ ފުރާ ގަޑި ދިޔައީ ކައިރިވަމުންނެވެ. ހަވީރު 4:30އަށް ބޯޓު ފާލަމަށް ގާތް ކުރާނެ ކަމަށް އޮތީ އަޑުގަދަކުރާ އިން ގޮވާފައެވެ. ބައްޕައާއެކު އަޞްރު ނަމާދު ކޮށްލައިގެން ގެއަށް އައިސް ފޮށި ތަންމަތި ހިފައިގެން މަންމަ އާއި ބައްޕައާ އެކު އަހަރެން މިސްރާބު ޖެހީ އަތިރިމައްޗަށެވެ.

ހިނގަމުން ގޮސް އަހަރެމެންނަށް ވަދެވުނީ ބޮޑު ރުއް ފަލަކަށެވެެ. އެއީ އަހަރެންގެ ހަޔާތުގައި ދުވަހަކު ވެސް ހަނދާން ނުނެތޭނެ ރުއް ފަލެކެވެ. ހަނދާން ހުންނަން ފެށީއްސުރެ ވެސް އެތަނުގައި އެކުވެރިންނާއެކު އަހަރެން ކުޅެ ހަދަމެވެ. ކުޅެން އުޅުމުގެ ތެރޭގައި އަހަރެންގެ އަތް ބިނދި ދަތް ބިންދައިގެން ދިޔައީ ވެސް މި ރުއް ފަލުގައެވެ. އެތައް ސަކަރާތެއް ރަހުމަތްތެެރިންނާއެކު ޖެހީ މި ރުއްތަކުގެ ހިޔަލުގައެވެ.

މިތަނުގައި ކުޅެން އަހަރެމެން އެންމެންނަށް އަދި އެއްފަހަރު ނަމަވެސް އާދެވޭނެ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. އެ ހަނދާންތަކުން އަހަރެންގެ ހިތް ފުރާލިއެވެ. އެ ފިކުރުތަކުގައި އަހަރެމެންނަށް ބަނދަރަށް ދެވިއްޖެއެވެެ. އޭރު ކަނޑިންމައިން ވަދެގެން ބޯޓު އަންނަތަން އަހަރެންނަށް ފެނެއެވެ.

އަހަރެން މަންމަ އާއި ބައްޕައާއެކު މަޑުކޮށްލީ އެތަނުގައި ހުރި ހިރުނދު ގަހެއްގެ ދޮށުގައެވެ. އެއީ އަހަރެންގެ ކުޑައިރުގެ ވަރަށް ގިނަ ހަނދާންތަކަކާ ގުޅިފައިވާ ގަހެކެވެ. އެންމެ ކުޑައިރުވެސް މަންމަ އަހަރެން ގޮވައިގެން އެ ގަސް ދޮށަށް އަންނާނެއެވެ. އަދި އަހަރެން އެގަހަށް އަރައި އުޅެނިކޮށް އެއް ދުވަހަކު ވެއްޓުނު ހަނދާން އިއްޔެ ވީ ކަމެއް ހެން އަހަރެންގެ ހަނދާނުގައި ހުރެއެވެ.

އަހަރެންނަށް ޚިޔާލުތަކުން ހޭލެވުނީ މަންމަ އަހަންނަށް ގޮވާލުމުންނެވެ. މަންމަ އަހަރެންގެ ގާތުގައި އެދުވަހު ބުނި ވާހަކަތައް އަހަރެންގެ ގާތުގައި ވަރަށް ލޯބިން ބުނި ވާހަަކަތައް އަހަރެންގެ ހިނދުރީގައި އަދިވެސް ހަރުލާފައި ވެއެވެ. މަންމަ ބުންޏެވެ. "ދަރިފުޅާއެވެ. މަންމަ ދަރިފުޅު މަތިން ވަރަށް ހަނދާން ވާނެއެވެ. އަދި ދަރިފުޅު މަންމައާ ދުރަށް ދާތީ މަންމަ ވަރަށް ދެރަ ވެސް ވެއެވެ. އަދި ދަރިފުޅު މަންމައާ ވަކިން ދުރަށް ފޮނުވާކަށް ވެސް މަންމަ ބޭނުމެއް ނޫނެވެ. އެކަމަކު މިއަދު މަޖުބޫރެެވެ. ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށް ވާ ދުވަސް ދުށުމަކީ މަންމަގެ އުއްމީދެވެ. މަންމަ ކޮންމެ ރެޔަކުމެ ދެކޭ ހުވަފެނެވެ. މަންމަ ދަރިފުޅަށް ވާނެ ގޮތަކާމެދު ވަރަށް ކަންބޮޑުވާނެއެވެ. ދުވާލަކު މަދުވެގެން އެއްފަހަރު މަންމައަށް ގުޅައްޗެވެ. ބަސްއަހައިގެން އުޅެއްޗެވެ. ވިޔާނުދާ އެތައް ބަޔަކު ދުނިޔޭގައި އުޅެއެވެ. އެކަމަކު ރަހުމަތްތެރިންގެ ގޮތުގައި ރަނގަޅު މީހުން އިޚްތިޔާރު ކުރައްޗެވެ. މަންމަ ފަޚުރުވެރިވާ ފަދަ ދަރިއަކަށް ވައްޗެވެ. މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވެއެވެ."

މަންމަގެ ވާހަކަތައް އަޑުއަހަން ހުރި އަހަރެންގެ ދެލޯ ފެންކަޅިވިއެވެ. އެހެން ނަމަވެސް އެކަން މަންމަ އަށް ނޭންގުމަށް ޓަކައި އަހަރެން ވަރަށް ހާލުން އެ ކަރުނަތައް ހިފެހެއްޓީމެވެ. އަދި "ލައްބަ މަންމާ"އޭ އަހަރެން ބުނީމެވެ. އެހިނދު މަންމަގެ ލޯ ފެންކަޅިވެފައިވާ މަންޒަރު އަހަންނަށް ފެނުނެވެ. އެ މަންމަ އަހަރެން ދިއުމުން ހާދަހާ އެކަނިވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ. އެ ޚިޔާލުތަކުގައި ހިތް ނުތަނަވަސް ވެފައި ހުއްޓާ ބައްޕަ އަހަންނަށް  ގޮވާލިއެވެ. އަދި ފާލަމާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ.

ފާލަމާ ދިމާއަށް ބަލާލުމުން ބޯޓު އައިސް ފާލަމާ ގާތް ކޮށްލި މަންޒަރު އަހަންނަށް ފެނުނެވެ. އާނއެކެވެ. ވަގުތު އައިސް ޖެހުނީއެވެ. އަހަރެން ފުރަން ދާންވީއެވެ. އަހަރެންނާއެކު މަންމަ އާއި ބައްޕަ ފާލަމާ ހަމައަށް ދިޔައެވެ. އަހަރެން މަންމައާ ސަލާމް ކޮށްލުމަށްފަހު މަންމަގެ ގައިގައި ބައްދާލީމެވެ. އަދި ބައްޕައާ ސަލާމް ކޮށްލުމަށްފަހު ބައްޕަގެ ގަައިގައި ވެސް ބައްދާލީމެވެ. މާގިނަ ވާހަކައެއް އަހަރެމެން އެވަގުތަކު ނުދައްކަމެވެ. އެހެން ނަމަވެސް ތިން މީހުންގެ ލޮލުން ވެސް އެކަކު އަނެކަަކަށް އެތައް ވާހަކަތަކެއް ދިޔައީ ބުނެދެމުންނެވެ.

އަހަރެން ބޯޓަށް އަރައި ބޯޓުގެ އެންމެ މައްޗަށް އެރީމެވެ. އަދި މަންމަ އާއި ބައްޕައަށް ހަނާ އަޅާލީމެވެ. އެވަގުތު މަންމަގެ ކޯތާފަތް މައްޗަށް އޮހޮރެމުން ދިޔަ ކަރުނަތައް އަހަރެން ދުށީމެވެ. ބައްޕަ ހުރީ މަންމަގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އެވަގުތު އަހަރެންނަށް ވަރަށް އަސަރު ކުރިއެވެ.

މުދާ އަރުވާ ބަރު ވުމުން ބޯޓުގެ ވާ މޮހައިލުމަށް ކައްޕި ގޮވާލިއެވެ. ކައްޕިގެ އަމުރަށް ފަޅުވެރިން ވައު މޮހާލުމާއެކު އިންޖީނު ސްޓާޓް ކޮށްލާ ބޯޓު ނައްޓާލިއެވެ. އަހަރެން އޭރުވެސް ހުރީ ރަށާ ދިމާއަށް ބަލާށެވެ. ދުރަށް ދަމުން ދިޔަ ވަރަކަށް ރަށް ދިޔައީ ކުޑަވަމުންނެވެ.

ލޮލުކޮޅުން ގެއްލެމުން ދިޔަ އަހަރެންގެ އުފަން ރަށާ އެ ރަށުގައިވާ ހަނދާންތަކާ މުހާތަބު ކޮށް އަހަރެން ހިތާހިތާ ބުނީމެވެ. ތިޔަ ފަސްގަނޑަށް އަހަރެންގެ ހިތުގައި ދެވިފައި މިވާ ގަދަރެއް ދުވަހަކު ވެސް އެހެން ފަސްގަނޑަކަށް ނުދެވޭނެއެވެ. އުފަން ފަސްގަނޑުގައި ކުރެވޭ އިހްސާސަކީ ތަފާތު އިހްސާސެކެވެ. އިންޝާﷲ އަހަރެން އެނބުރި އަންނާނަމެވެ. ތިޔަ ހަނދާންތައް އަދި އައު ކުރާނަމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!