ކުޅިވަރު

ފަރިތަކުރުންތައް ފަށަން ކްލަބްތަކަށް ހުއްދަ ދީފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހެދި އައު ގަވާއިދާއެކު ފުރަތަމަ ޑިވިޝަންގެ  ކްލަބްތަކުން ފަރިތަކުރުން ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދީފިއެވެ

Ads by MWSC

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ އެފްއޭއެމުން ހެދި އައު އުސޫލުތަކުގެ ދަށުން ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރު ވަމުން ދާތީ،  ކުޅުންތެރިންނާއި އޮފިޝަލުން ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އަންގާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ. އަދި ކޮވިޑުގެ ކޭސްތައް މި ދުވަސްވަރު އިތުރުވަމުން އަންނާތީއާއެކު، ފަރިތަކުރުންތައް ފެށުން އިތުރު ދެ ހަފުތާއަށް ފަސްކުރުމަށް އެދޭ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.

ކޮވިޑް-19ގެ ކޭސްތައް މާލޭގައި އިތުުރުވަމުން ދާތީ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުމަށް އެޗްޕީއޭއިން އެންގުމާއި ގުޅިގެން ދިވެހި ޕްރިމިއަރ ލީގުގެ މެޗުތައް އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. ލީގު ހުއްޓާލުމާއެކު ކްލަބުތަކުންނާއި، ކުޅުންތެރިން އަދި އޮފިޝަލުން ވަނީ ލީގު ފެށޭނޭ ގޮތެއް ވީ އެންމެ އަވަހަކަށް ހައްދަވައި ދެއްވުމަށް އެދިފައެވެ.

ލީގާއި ފަރިތަކުރުންތައް ފެށުމުގެ ގޮތުން ފުރަތަަމަ ޑިވިޝަންގެ ހުރިހާ ކުޅުންތެރިންނަށް މިހާރު ވެކްސިން ޖަހާފައިވާއިރު އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ އައު ގައިޑްލައިނަކާއެކު ފަރިތަކުރުންތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!