ދީން

ޤުރްއާން ހިތުދަސް ކުރުމުގެ އުކުޅުތައް

އައްޝައިޚް މުޙައްމަދު މަޢޫން ޝަރީފް ، ދެން އޮންލައިން

قرآن ހިތުދަސްކުރަން އެދޭމީހާ އިޚްލާޞްތެރި ކަން އިސްކުރަންވާނެއެވެ. ދުނިޔެވީ އެދުމެއްނެތި އެކަން ކުރާ މީހާއަށް މާތްﷲ ތައުފީޤު ދެއްވާ، އެކަން ފަސޭހަ ކޮށްދެއްވާނެއެވެ. މިކަމުން ލިބޭ އުޚުރަވީ ޘަވާބާމެދު ވިސްނާ އެކަން ހަނދާނުގައި ބަހައްޓާނަމަ، އިޚްލާޞްތެރިވާން ފަސޭހަވާނެއެވެ.

Ads by MWSC

قرآن ހިތުދަސްކުރަން އެދޭމީހާ ތަޤްވާވެރިކަން އިތުރުކޮށް، ފާފަތަކުން ދުރުވާށެވެ! ފާފައިގެ ސަބަބުން ހިތުގައި ކަޅު ލައްޖެހި، ހިތުގެ އަލިކަން ފިލައިދާނެއެވެ. މި ދަމިލަތައް ފިލުވޭނީ ޛިކުރު ކުރުމުންނާއި، އިސްތިޣްފާރު ކުރުމުންނާއި، ގިނަގިނައިން ހެޔޮ ޢަމަލު ކުރުމުންނެވެ.

قرآن ހިތުދަސްކުރަން އެދޭމީހާ ހެޔޮލަފާ ޞާލިޙް އެކުވެރިން ޚިޔާރުކުރާށެވެ! قرآن ހިތުދަސްކުރަން އުޅޭ އެހެންކުދިންނާއެކު ގިނަ ވަޤުތު ހޭދަކުރާށެވެ. މުރާލި އެކުވެރިންނާއެކު އުޅޭނަމަ، ތިބާވެސް މުރާލިވާނެއެވެ.
ހިތުން ދަސްވާބައި ތަކުރާރުކޮށް ކިޔަމުންދާށެވެ. އަދި ހަމައެހެންމެ، ކުރީގައި ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކުރުން ދޫކޮށްނުލާށެވެ. މުރާޖަޢާ ކުރުމެއްނެތި، އައު ސޫރަތްތައް ދަސްކުރުމުގައި އަވަސް ނުވާށެވެ. އެންމެ ރަނގަޅު ގޮތަކީ މި ދެބައި އެކުއެކީގައި ކުރިޔަށް ގެންދިޔުމެވެ.

ރަސޫލާ ﷺ ހަދީސްކުރައްވާފައިވެއެވެ. "إِنَّمَا مَثَلُ صَاحِبِ القُرْآنِ، كَمَثَلِ صَاحِبِ الإِبِلِ المُعَقَّلَةِ، إِنْ عَاهَدَ عَلَيْهَا أَمْسَكَهَا، وَإِنْ أَطْلَقَهَا ذَهَبَتْ» (رواه مسلم) މާނައީ: ”ހަމަކަށަވަރުން ޤުރުއާނުގެ އަހުލުވެރިޔާގެ މިސާލަކީ ޖަމަލު ގެންގުޅޭ މީހާގެ މިސާލެވެ. އޭގެ ކަރުގައި އެލުވާފައި އޮންނަ ވާ ރަނގަޅަށް އައްސާފައިބާއްވާނަމަ، އެ ފިލައިގެން ނުދެއެވެ. އެކަމަކު އެ ވާ މޮހިއްޖެނަމަ އެ ޖަމަލު ސާހިބުމީހާ ދޫކޮށް ފިލައިދެއެވެ."قرآن ހިތުން ދަސްކުރުމަށްވުރެ އުނދަގޫ ކަމަކީ ހަނދާނުގައި ބެހެއްޓުމެވެ. ދަސްކުރާ ސޫރަތްތައް ހިތުގައި ޘާބިތު ކުރުމަށްޓަކައި އެ ސޫރަތްތައް ގިނަގިނައިން ކިޔަވަންޖެހެއެވެ. ދަސްކޮށްފައިވާ ބައިތައް އެކަނި އިނދެ މުރާޖަޢާ ކުރުމަށްވުރެ، އެހެން މީހަކާއިއެކު ކިޔެވުމުގެ ފައިދާ އެތައް ގުނަ އެއް ބޮޑެވެ. އެއަށްވުރެ، މޮޅު ގޮތެއް ބޭނުންނަމަ، ހިތުދަސްކޮށްފައިވާ ސޫރަތްތައް ނަމާދުތަކުގައި ކިޔަވާށެވެ!

ހިތުން ދަސްކުރާ ސޫރަތްތައް ދަމުނަމާދުގައި ކިޔެވުން އެއީ އިސްވެ މިދެންނެވި ހުރިހާ ގޮތްތަކަށްވުރެ، މޮޅު އަދި ފައިދާ ބޮޑު އުކުޅެއް ކަމުގައި فضيلة الشيخ ދުކްތޫރު ޙަސަން ބުޚާރީ (حفظه الله) ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވާ ގޮތުގައި، އިންސާނާގެ ހިތާއި ދުލުގެ ގުޅުން އެންމެ ގަދަވާ ވަގުތަކީ ދަމުނަމާދުގެ ވަގުތެވެ. އެ ވަގުތުގައި ކިޔެވޭ އެއްޗެހި ވަރަށް ފަސޭހައިން ފަހުމުވެ، ހިތުގައި ހަރުލާނެއެވެ. މި ޙަޤީޤަތް ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުގައި ބަޔާންވެގެންވެއެވެ.

إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا
(المزمل: ٦)
މާނައީ: ހަމަކަށަވަރުން، ނިދުމަށްފަހު، ރޭ އަޅުކަން ކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!