ގެއިން މަސައްކަތް ކުރުން، މީހާ ދެރަކޮށްލައި ހާސްކަމުގެ ތެރެއަށް ވައްޓާލާ ކަމެއް!
މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ އާލަމީ ވަބާ، ކޮވިޑް-19ގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ބަދަލު ވެއްޖެއެވެ. އެގޮތުން ގިނަ ކަންތައްތަކެއް ،އޮންލައިންކޮށް ކުރުމަށް މި ވަނީ މަޖުބޫރު ވެފައެވެ. ސުކޫލް ދަރިވަރުންގެ ކިޔެވުން ވެސް އޮންލައިން ކުރެވިފައެވެ. ކައިވެނި ކުރުމާއި ވަރިކުރުން ވެސް އޮންލައިން ކޮށެވެ. އަދި ހަމަ އެހެންމެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ގޭގައި ތިބެ އޮންލައިންކޮށް މަސައްކަތް ކުރުމަށް މިއަދު މިވަނީ މަޖުބޫރު ވެފައެވެ.
ގޭގައި މަސައްކަތް ކުރުމަކީ ހައްޓަށް ލުއި، ސަޅި ކަމެއްގެ ގޮތުގައި ގިނަ ބަޔަކަށް ހީވެފައި އޮތަސް އެއީ މީހާ ހާސްކަމުގެ ތެރެއަށް ވައްޓައިލައި ދެރަކޮށްލާ ކަމެއްކަން ދިރާސާއަކުން ސާބިތު ވެއެވެ.
މީގެ އިތުރުން، ގޭގައި މަސައްކަތް ކުރަން ޖެހުމުން ކުރަން ޖެހުމުން ކުރަން ޖެހޭ މަސައްކަތްތައް ގިނަވެ މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށް މިދިރާސާއިން ވަނީ ހާމަ ވެފައެވެ.
މި ދިރާސާއަކީ ޖަރުމަނުގެ ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވާސިޓީ އޮފް މެއިންޒްއިން ކުރި ދިރާސާ އެކެވެ. މި ދިރާސާގައި 26،319 މީހުން ބައިވެރިވެފައިވާ އިރު މި އެންމެންނަކީ ވެސް ގޭގައި މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ކަންބޮޑުވެ ހާސްވެފައިވާ މީހުންނެވެ. މި ދިރާސާގައި ބައިވެރިވި މީހުންގެ އެވަރެޖް އުމުރަކީ 42 އަހަރެވެ. އަދި މި ދިރާސާގައި ބައިވެރިވީ ގިނަ މީހުންނަކީ ފިިރިހެނުންނެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މުވައްޒަފުން އެންމެ ބޮޑަށް ހާސްވެ ކަންބޮޑުވަނީ ހަފްތާ ބަންދުގައި ވެސް ޗުއްޓީ ހޭދަކޮށްލަން އެއްވެސް ތާކަށް ނުދެވޭތީ ކަމުގައި ވެސް ދިރާސާއިން ވަނީ ހާމަވެފައެވެ. އަދި އެކުގައި މަސައްކަތް ކުރާ މުވައްޒަފުން އެހީވާން ނުތިބޭތީ ގިނަ ދަތިތަކާ މުވައްޒަފުންނަށް ކުރިމަތިލާން ޖެހޭ ކަން ވެސް ހާމަވެފައި ވެއެވެ.